ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ނުދޭނެހެން ހީވާ 39000 އަށްވުރެ ގިނަ މެންބަރުން އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވުމަށްފަހު ނަޝީދު ވަނީ އެ ޕާޓީގެ ވޯޓުލާ ދަފްތަރުން ސާޅީސް ހާހާ ގާތަށް މެންބަރުން, އެ މެންބަރުންނަށް އެނގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ގަޑުބަޑުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިޔަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ގަބޫލެއް ވެސް ނުކުރައްވާ ކަމަށެވެ.
ނަޝީދު މިއަދު ވިދާޅުވީ ރައީސް ޞާލިޙަށް ވޯޓު ނުދޭނެހެން ހީވާ 39000 އަށްވުރެ ގިނަ މެންބަރުން އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައިވާއިރު އެއީ އެމްޑީޕީގެ އަސްލު މެންބަރުން ކަމަށެވެ.
އަދި އެ ޕާޓީއަކީ މިނިވަން އިންސާފުވެރި އިންތިޚާބުތައް ބާއްވާ ޕާޓީއެއް ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ކުރިން އިއުލާނުކޮށްފައި އޮތް ވޯޓުލެވޭ މީހުންގެ ލިސްޓު އޮވެގެން ކަމަށެވެ.