ޑިސެމްބަރު 10 ވަނަ ދުވަހު ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ ގައި މަރުވެފައި އޮއްވާ ފެނުނު 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ ސަބަބު ހޯދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފިއެވެ.
ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ ސީދާ ކޮން ވަގުތަކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނިޝާމާގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އޭނާގެ ފިރިމީހާ އދ. ފެންފުށީ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް އެވެ.
ކޯޓު އަމުރެއްގެ ދަށުން ހދ. ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި އޭނާ ބަންދުގައި ބަހައްޓާފައި ހުރި ތަނުގައި ފައިސަލް ވަނީ އަމިއްލައަށް ދަންޖެހިފައެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި އޭނާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިމަހުގެ 19 ވަނަ ދުވަހެވެ. ފުލުހުން ވަނީ ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އޭނާގެ އާއިލާއާއި ހަވާލުކޮށްފައެވެ.
ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ނިދާ ކޮޓަރީ އެނދުމަތީގައި އޮއްވާ މެންދުރުގެ ވަގުތެއްގައި އާއިލާ މީހުންނަށެވެ. ނިޝާމާގެ މަރާއި ގުޅޭ ގިނަ ތުހުމަތުތަކެއް ފައިސަލް ކުރިކަމުގައި ވީނަމަވެސް އެ މައްސަލަ ތަހްގީގު ކުރަމުންދާތީ ނިޝާމާ މަރުވީ ސީދާ ކޮންގޮތަކަށް ކަމެއް ފުލުހުންނަށްވެސް އަދި އާއިލާއަށްވެސް ސާފެއް ނުވެއެވެ.
ނިޝާމާ މަރުވި އޭނާ އާއި ފައިސަލްގެ 3 ކުދިންވެސް އެބަތިއްބެވެ. އެންމެ ދޮށީ ދަރިފުޅަކީ 7 އަހަރުގެ ފިހިރެން ކުއްޖެކެވެ. އަނެއް ދެ ދަރިންގެ އުމުރަކީ 4 އަހަރާއި ދެ އަހަރެވެ. އެ ދަރިންނާއި ފިރިމިހާ އާއި އެކު އޭނާ ދިރިއުޅެމުން ގެންދިޔައީ އޭނާގެ މައިންބަފައިންގެ އާއިލީގޭގައި އެއްބަނޑު އެއްބަފާ އެހެން މެންބަރުންނާއިވެސް އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.