ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ކުރިން ހުރި އެލޮން މަސްކަށް އެ މަގާމު ގެއްލި ބާނާޑް އާނޯލްޓަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފު ލިބިއްޖެއެވެ.
އެލޮން މަސްކުގެ އަތުން އެންމެ މުއްސަނދި މީހާގެ ލަގަބު އަތުލި އާނޯލްޓަކީ ފަރަންސޭސިވިލާތުގެ މީހެކެވެ.
ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ފޯބްސް އެންޑް ބްލޫމްބާގުން އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު ދުނިޔޭގެ އެންމެ މުއްސަނދިންގެ އެންމެ ފަހުގެ ލިސްޓުން މަސްކަށް ދެވަނަ ލިބިފައިވާއިރު، ދުނިޔޭގެ އެންމެ މުއްސަދި މީހާގެ މަގާމު މިހާރު ވަނީ ބާނާޑް އާނަލްޓަށް ލިބިފައެވެ.
ފޯބްސް އާއި ބްލޫމްބާގް އިން ބުނާ ގޮތުގައި އެލޮން މަސްކްގެ ވިޔަފާރި ފުޅާކުރަން އައު ކުންފުނި ”ޓްވިޓާ“ ގަތުމަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ގެއްލިގެން ދިޔަ ނުބައި ނިންމުމެކެވެ. އެލޮން މަސްކް، 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމުގެ ސަބަބުން އޭނާގެ މުއްސަނދިކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ. އަނެއްކޮޅުން ބައެއް ރިޕޯޓްތައް ބުނާގޮތުން ޓެސްލާގެ ހިއްސާގެ އަގު މިއަހަރު ދަށްވުމުގެ ސަބަބުން ވެސް އެލޮން މަސްކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ.
ދުނިޔޭގެ އައު އެންމެ މުއްސަނދި މީހާ، ބާނާޑް އާނަލްޓަކީ ފްރާންސްގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ”ލޫއީ ވިޓަން“ އެލްވީއެމްއެޗްގެ ޗީފް އެގްޒެކެޓިވް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މިވަގުތު 172.9 ބިލިއަން ޑޮލަރާ އެކު ބާނާޑް އާނަލްޓް ހުރިއިރު، 164 ބިލިއަން ޑޮލަރާ އެކު އެލޮން މަސްކަށް ލިބެނީ ދެވަނައެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ ފާއިތުވި މަސްތަކުގައި ބާނާޑް އާނޯލްޓްގެ އެސެޓް އިތުރުވެފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް އޭނާގެ މުއްސަނދިކަން ހުރީ 137 ބިލިއަން ޑޮލަރުގައެވެ. ތިންވަނައަށް މުޅި ދުނިޔެއިން އެންމެ މުއްސަނދި މީހަކީ އިންޑިއާގެ ގޯތަމް އަޑާނީއެވެ. ބިލް ގޭޓްސް 4 ވަނައިގައި އޮތް އިރު 5 ވަނަ ލިބެނީ ޖެފް ބެޒޮސް އަށެވެ.