މި އަހަރު ރާއްޖެއަށް ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނިކޮށް އަހަރު ނުނިމެނީސް އެ އަމާޒަށް ވާސިލުވެވިއްޖެއެވެ.
މި އަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށް ރައީސް ވިދާޅުވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިއަދު ވަނީ 1.6 މިލިޔަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައެވެ. އެ ފަތުރުވެރިޔާއަކީ އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިއެކެވެ.
ސަރުކާރުގެ އަމާޒަށް ވާސިލުވެވުމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ފަތުރުވެރިޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.
އެ ހަފުލާ ކުރިއަށް ދިޔައީ އިއްޔެ މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެމްއެމްޕީއާރްސީން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ހަފުލާގައި ނައިބު ރައީސްއާއި ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސްވެރިން ބައިވެރިވެވަޑައިގެން 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހަދިޔާ ދެއްވިއެވެ.