ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އިތުރު ބަޔަކަށް ދަޢުވާ އުފުލާފައިވާ ރ.ފުއްގިރި މައްސަލަ ބެއްލެވުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލު ތަނާޒުލުވެވަޑައިގެންފިއެވެ.
ކްރިމިނަލް ކޯޓުން މިހާރުވއެ މައްސަލަ ހަވާލުކޮށްފައިވަނީ ގާޒީ ޢަލީ ނަދީމާއެވެ. މި މައްސަލަ ބެއްލެވުމުން އިސް ގާޒީ އަޙްމަދު ޝަކީލު ތަނާޒުލުވެވަޑައިގެން ސަބަބެއް ކޯޓަކުން ނުބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތުގައި ހިފުމުގެ ކުށުގައި ދަޢުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއެވެ.
ޔާމީން ރިޝްވަތު ނެންގެވީ ފުއްގިރީގައި ރިސޯޓެއް ތަރައްޤީކުރަން އެ ރަށް ކުއްޔަށް ދޫކޮށްގެން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް ކަމަށާއި މަނީ ލޯންޑާރ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓް ބޭނުން ކޮށްގެން ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. އެހެންވެ ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ވަނީ ދަޢުވާ އުފުލާފައެވެ.
މި މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގައެވެ. އަޑުއެހުމެއް ނުބާއްވާތާ އަހަރެއްވަރު ވެއްޖެއެވެ.