ރައީސް މުޙައްމަދު ނަޝީދުގެ ޓީމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ފެށީވެސް ފިތުނައިން ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެދުމަކީ އެތެރޭގެ އިންތިޚާބެއްކަން ގަބޫލުކޮށް ސުލްހަވެރި ރީތި ނަލަ ކެމްޕޭނަކުން މިކަން ނިންމައިލުން ކަމަށެވެ.
”އިދިކޮޅު ކެންޑިޑޭޓުގެ ޓީމުން އަނބުރާލަން މަސައްކަތްކުރާ ފިތުނައިގަ ނުޖެހި ރީއްޗަށް މިކަން ކޮށްލަމާ. އެ ޓީމުގެ ސްޓްރެޓެޖީ ހަމަ ސޭމް. ފެށީ ވެސް ފިތުނައިން“
އަންނަ ޖެނުއަރީގައި 28 ގައި ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު ރައީސް ޞާލިޙާއި ނަޝީދުގެ ޓީމުން ވެސް ވަނީ ކެމްޕޭން ފަށައިފައެވެ. ނަމަވެސް އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސް ހާހާ ގާތަށް މެންބަރުން, އެ މެންބަރުންނަށް އެނގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ވަނީ ގަޑުބަޑުވެފައިވާ ކަމަށާއި އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިޔަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ގަބޫލެއް ނުކުރައްވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.