އިލެކްޝަންސް ކޮމިޝަނުގެ ސެކިއުރިޓީ ރޫމާއި ގުދަނެއް ފަޅާލައި ގިނަ އަދަދެއްގެ ސާމާނު ވަގަށް ނަގައިފިއެވެ.
ސެކިއުރިޓީ ރޫމް ފަޅައިލީ ނޮވެންބަރު 30 ވީ ބުދަ ދުވަހު އެވެ. ގުދަން ފަޅައިލީ މި މަހުގެ 10 ވީ ހޮނިހިރު ދުވަހުއެވެ.
އީސީން މިއަދު ބުނީ މި ދެ މައްސަލަ ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.އަދި ދެ މައްސަލަ އެ މުއައްސަސާގެ ފަރާތުން ދަނީ ބަލަމުން ކަމަށެވެ.
ސެކިއުރިޓީ ރޫމު ފަޅާލިއިރު އެ ތަނުގައި އިންތިޚާބަކާ ގުޅުން ހުރި ލިޔެކިޔުމެއް އަދި އިންތިޚަބާކާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އީސީން ބުންޏެވެ. ނަމަވެސް އެ ތަނުގައި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބޭނުންކޮށްފައިވާ 5 ނެޓްބުކް ގެއްލިފައިވާ ކަމަށާއި އެ ތަނުގައި ހުރި އެއްވެސް އެއްޗެއް އަޅާފައިނުވާ ބައު ތިޖޫރީއަކަށް ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އަދި އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ބައު އިމާރާތުގައި ހުރި ގުދަނުން 11 ޔޫޕީއެސްއާއި 65 އިންޗީގެ ދެ ޓީވީއާއި 2 ސްޕީކަރު ސެޓާއި 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
”މި ދެ ހާދިސާއާ ގުޅިގެން މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންތަކަށް އެއްވެސް އަސަރެއް ނުކުރާނެ.“
އީސީން ބުނީ މީގެ ކުރީން ހިނގާފައިވާ މިފަދަ ހާދިސާތަކާއި މި ދެ ހާދިސާއާ ގުޅިގެން ކޮމިޝަނުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތާ ބައްދަލުކޮށް ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުނުވާނޭހެން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ދެ ހާދިސާއާ ގުޅިގެން މި ދެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ ދެ މުއައްސަސާގެ ސަމާލުކަމަށް މިކަންތައްތައް ގެނެސް މިފަދަ ހާދިސާއެއް ނުހިނގާނޭހެން ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.
އީސީން އިތުރަށް ބުނީ ވައްކަމުގެ މި ދެ ހާދިސާއާ ގުޅިގެން ކުރިއަށް ހުރި އިންތިޚާބުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކޮމިޝަނުގެ މަސައްކަތްތައް ހިނގާ އިމާރާތްތަކުގެ ސެކިއުރިޓީގެ ކަންކަން ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ވަރުގަދަ ކުރުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށެވެ.