މަސްވެރިކަމުގެ ބާވައްތައް މެނޭޖުކުރުމަށް ލަފާދޭ ކޮމިޓީތަކެއް އެކުލަވައިލުމަށް ފިޝަރީޒް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މިނިސްޓްރީން ބުނީ ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދާއި ފާނަ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދާއި ހިބަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން މިއިން ކޮންމެ މަސްވެރިކަމެއް މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވައިލުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
”މި ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން އަންނަނިވި ހައިސިއްޔަތުން ކޮމިޓީގައި ޝާމިލުވާން އެދޭ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި އާންމުކޮށް އަންގައި އިއުލާނުކުރަން.“
މި މަންދޫބުންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރެވެ.
ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަޤާމުތައް:
ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ކޮންމެ ބާވަތެއް (ދޮށީގެ މަސްވެރިކަން, އަތުނަނުގެ މަސްވެރިކަން އަދި ވަދުނަނުގެ މަސްވެރިކަން) ތަމްސީލުކުރާ އެއް ފަރާތް ހިމެނޭ ގޮތުގެ މަތިން 3 މަސްވެރިން.
އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް.
ރާއްޖޭގެ ބާޒާރުތަކަށް ޚާއްސަކޮށްގެން ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް.
ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މި ގަވާއިދުގެ ދާއިރާތަކުގެ ތެރޭގައި ކަނޑައަޅައިފައިވާ ހަރަކާތްތަކާ ގުޅުންހުރި 2 ޖަމްޢިއްޔާއަކުން ކޮންމެ ޖަމްޢިއްޔާއެއް ތަމްސީލު ކުރާ 1 މަންދޫބެއް.
ފާނަ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަޤާމުތައް:
ފާނައިގެ މަސްވެރިން ތަމްސީލުކުރާ 3 މަންދޫބުން.
ފާނަ އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ 2 މަންދޫބުން.
ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާ ގުޅޭ ޖަމްޢިއްޔާއެއް.
ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަޤާމުތައް:
ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ 3 މަންދޫބުން.
ހިބަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލު ކުރާ 2 މަންދޫބުން.
ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ މަސްވެރިކަމެއް ކުރާ ފަރާތްތައް ތަމްސީލު ކުރުމަށް ނުވަތަ އެ މަސްވެރިކަމުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލުކުރުމަށް އެދި ހުށަހަޅާ ފަރާތެއްނަމަ މި މަސައްކަތުގައި ހަރަކާތްތެރިވެފައިވާ މުއްދަތަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާގެ މަގާމަށް އެދި ހުށަހަޅާ ފަރާތެއްނަމަ މި ދާއިރާއިން އެ ޖަމްޢިއްޔާގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ.
ޝައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން ހުށަހަޅައިފައި ނުވާނަމަ ނުވަތަ ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅައިފައިވާ ފަރާތަކީ އެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އެންމެ އެކަށީގެންވާ ފަރާތެއް ނޫންކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ އެކަމަށް އެންމެ އެކަށީގެންވާ ފަރާތެއް ނުވަތަ ފަރާތްތަކެއް އައްޔަނުކުރުމަށް މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓްގެ ލަފާގެ މަތިން މިނިސްޓަރަށް ހުށަހެޅޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
ލަފާދޭ ކޮމިޓީތަކަށް އައްޔަނުކުރާ މެންބަރުންގެ ޝަރުތުތައް:
މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފަދަ ލަޔާޤަތު ހުރި މީހަކު ކަމުގައިވުން.
އިންތިޚާބީ މަޤާމެއް ނުވަތަ ސިޔާސީ މަޤާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުން.
މި މަޤާމުތަކަށް މީހުން ނަގާނެ އުސޫލާއި ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލް މިނިސްޓްރީން އިއްޔެ ގެޒެޓް ކުރި އިއުލާނުގައި ހިމަނާފައިވެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. ލިޔެކިޔުންތައް މިނިސްޓްރީގެ ރިސެޕްޝަނަށް ވެސް އަދި އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.