ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ 35 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
ބެންޒެމާ ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާ ކުރަން ނިންމިކަން ވަނީ މިރޭ އޭނާގެ ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާ ހިއްސާ ކޮށްފަ އެވެ.
”އަހަރެން މިހާހިސާބަށް އަންނަން ވަރަށް ބުރަ މަސައްކަތް ކުރެވުނު. އަދި އެހާމެ ގިނަ ގޯސްތައް ވެސް ހެދުނު، އެ ކަންކަމަށް އަހަރެން ފަހުރުވެރި ވަން. އަހަރެންގެ ވާހަކަ ލިޔެވިއްޖެ، އަހަރެމެންގެ ގުޅުން މިހާހިސާބުން ނިމުމަކަށް މި އައީ،“ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން، މިއަދު 35 އަހަރު ފުރުނު ބެންޒެމާ ލިޔެފައިވެ އެވެ.
ބެންޒެމާ ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި އިރު ބެންޒެމާ ވަނީ ގައުމީ ޓީމަށް 97 މެޗު ކުޅެދީ، 37 ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމަށް 100 މެޗު ހަމަކޮށްގެން ފީފާ ސެންޗަރީ ކުލަބަށް އަރަން އޭނާ އަށް މަދުވީ ތިން މެޗެވެ.
ރިޓަޔާ ކުރި އިރު، އޭނާ އަކީ ފްރާންސްގެ ގައުމީ ޓީމަށް 10 ވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ތިން ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ކުރީގެ ކޯޗު ލޯރެން ބްލެންކް އާއި ކުޅުންތެރިޔާ ބިޒެންޓޭ ލިޒަރާރޫ ވެސް ވަނީ ބެންޒެމާއާ އެއްވަރަށް 97 މެޗު ގައުމީ ޓިމަށް ކުޅެދީފަ އެވެ. ލިޒަރާރޫ އާއި ބްލެންކް އަކީ ވެސް 1998 ވަނަ އަހަރު ފްރާންސުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނެވެ.
ބެންޒެމާ އަށް 2018 ވަނަ އަހަރު ފްރާންސުން ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމުން ޖާގަ ނުލިބުނީ، އަހުލާގީ މައްސަލައެއްގައި ގައުމީ ޓީމުން ދުރުކޮށްފައި ހުރުމުންނެވެ. އޭގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިނީ އޭނާ އެވެ.
މި އަހަރު ހޮވި ބެލޮންޑިއޯ އެވޯޑް ވެސް ބެންޒެމާ ކާމިޔާބު ކުރި އެވެ. އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ފީފާ އިން ދޭ ’ދަ ބެސްޓް‘ އެވޯޑަށް ވެސް ވާދަކުރާ ކުޅުންތެރިންގެ އެންމެ ކުރީގައި އޭނާ ހިމެނުނު ނަމަވެސް، މި އަހަރުގެ ވޯލްޑް ކަޕް ގެއްލުމާ އެކު ފުރުސަތު ވަނީ ހަނި ވެފަ އެވެ.
އަނިޔާއިން ރަނގަޅުވެ އޭނާ ވަނީ ރެއާލް މެޑްރިޑާ އެކު ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފަ އެވެ. ފްރާންސް ފައިނަލަށް ދިޔުމާ އެކު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އާއެކު ގަތަރަށް ދާން އޭނާއަށް ދައުވަތު ދިން ނަމަވެސް އޭނާ އެ ދައުވަތު ގަބޫލެއް ނުކުރި އެވެ.