”އޮޅުވާލުމަކީ މޮޅުވާ ގޮތެއް ނޫން“ ކަމަށް ވިދާޅުވެ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލިމަނިކު (މޫކޭ) ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ސާޅީސް ހާހާ ގާތަށް މެންބަރުން, އެ މެންބަރުންނަށް އެނގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ގަޑުބަޑުވެފައިވާ ކަމަށާއި އެކަން އެހެން އޮއްވައި ރިޔާސީ ޕްރައިމަރީ ކުރިޔަށް ގެންދިއުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ގަބޫލެއް ނުކުރައްވާކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
މޫކޭ ވިދާޅުވީ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަކީ ނިމިދިޔަ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ވެވަޑައިގަތް ވައުދެއް ކަމަށެވެ. އަދި ޕީޕީއެމްގެ އެކްޓިވިސްޓުން އެމްޑީޕީގެ ދަފްތަރުގައި ޖެހިގެން އެތެރޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަކީ އާންމު މެމްބަރުންގެ ބޮޑު ޝަކުވާއެއް ކަމަށެވެ.
”ދަފްތަރު ސާފު ކުރުމަކީ ޗެއާޕާސަން އިންތިޚާބު ގައި ދެ ކެނޑިޑޭޓުންގެވެސް ވަޢުދެއް. ޕީޕީއެމްގެ އެކްޓިވިސްޓުން އެމްޑީޕީގެ ދަފްތަރުގައި ޖެހިގެން އެތެރޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަކީ އާންމު މެމްބަރުންގެ ބޮޑު ޝަކުވާއެއް. އެކަން ކުރީ ޤައުމީގެ މި ޤަރާރާއި އެއްގޮތަށް. އޮޅުވާލުމަކީ މޮޅުވާ ގޮތެއް ނޫން.“ ޤަރާރު ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައި މޫކޭ ވިދާޅުވިއެވެ.
މި އަހަރުގެ މެއި މަހުގެ 29 ގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރެވުނު ގަރާރުގައި އޮތީ މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި، މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި، އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ.