އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މި ވަގުތު ބާއްވާ ބައްދަލުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވެސް ހާޒިރުވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާ ރައީސް ޞާލިޙްގެ މި ވަގުތު ބައްދަލު ކުރައްވަމުން ގެންދަވަނީ ސޯލްޓް ކެފޭގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރިއަށްގެންދާ ބައްދަލުވުމަށް މީކާއީލް ވެސް ހާޒިރުވެވަޑައިގެންފައިވާކަން ވަނީ އެނގިފައެވެ.
ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ މީގެކުރިން ވާހަކަ ދެއްކެވި މީކާއީލް ފަހަކާ ޖެހެންދެން ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުގައެވެ.
އަދި އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވެ ރައީސް ނަޝީދު ފެކްޝަނުގެ ހަތް މެންބަރަކު އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ވޯޓު ދެއްވާފައިނުވާއިރު މީކާއީލް ވޯޓުދެއްވީ ބަޖެޓު ފާސްކުރުމަށެވެ.