ރާއްޖޭގައި ކޮވިޑުގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާކަން ފާހަގަކުރައްވައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ.ޕޫނަމް ކެތްރަޕާލް ސިންގް ތަޢުރީފުކުރައްވައިފިއެވެ.
ޑރ.ޕޫނަމް ކެތްރަޕާލް ސިންގް މިއަދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ޑރ.ޕޫނަމް ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި ކޮވިޑުގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި ރާއްޖެއިން ކޮވިޑަށްފަހު ސިއްހީކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް އިގުތިސާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ އިންވެސްޓްކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ޚަރަދުކުރަނީ މި ދާއިރާ ކުރިއެރުވުމަށް ކަމުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެ ކަމަނާއަކީ ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ ޑރ.ޕޫނަމް ވަނީ މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ވެސް ތަޢުރީފު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާކަން ވެސް ފާހަގަކުރައްވާފައެވެ.