އެމްޑީޕީގެ މެންބަރުންގެ ދަފްތަރަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ސައްހަކުރެވި ބަލަހައްޓަމުންދާ ދަފްތަރެއްކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި މިހެން ބުނީ ޕާޓީގެ ދަފްތަރު ގަޑުބަޑުވެފައިވާކަމަށް ވިދާޅުވެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ޢާންމުކުރެއްވި ސިޓީއެއްގައި ލިޔުއްވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.
”އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ސާޅީސް ހާހާ ގާތަށް މެންބަރުން, އެ މެންބަރުންނަށް އެނގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ވަނީ ގަޑުބަޑުވެފައެވެ. އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިޔަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.“ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ނަޝީދު, ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް އެޑްރެސް ކުރައްވައި ލިޔުއްވާފައިވާ ސިޓީގައިވެއެވެ.
ނަޝީދުގެ ސިޓީއާ ގުޅިގެން އެމްޑީޕީން ބުނީ ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށެވެ. އަދި މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެއް ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނ އެމްޑީޕީގެ ގައުމީ މަޖިލީހަށް 29 މޭ 2022 ގައި ހުށަހެޅި ފާސްކުރެވުނު ގަރާރުގައި އޮތީ “މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި, މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި, އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ.“
މި ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދާ ހަމައަށް ވެސް އެ މެމްބަރުން މި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވިފައި ކަމަށް ބުންޏެވެ.
އަދި ނިމިދިޔަ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ޕާޓީގެ ދަފްތަރު ސައްހަކުރަންޖެހޭކަމަށް ވިދާޅުވެފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
”އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައެވެ.“
ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރާ ކަމަށެވެ.