ޕާޓީގެ ދަފްތަރުވަނީ ގަނޑުބަޑުކޮށްފައި ކަމަށާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންސާފުވެރި ނުވާނެކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ގެރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް އިއުލާނު ކުރައްވާފައިވާ ރައީސް ނަޝީދު މި ސުވާލު އުފައްދަވާ މިއަދު ޓްވިޓަރގައި އާންމު ކުރެއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ދަފްތަރުން ވަނީ ގިނަ އަދަދެއްގެ ބަޔަކު އުނިކޮށްފައި ކަމަށެވެ.
ޓްވިޓާރގައި ނަޝީދު އާންމު ކުރެއްވި ސިޓީ އަކީ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލަށް އެޑްރެސްކުރައްވައި ޕާޓީ އޮފީހަށް ނަޝީދު ފޮނުއްވި ސިޓީއެކެވެ.
ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ސާޅީސް ހާހާއި ގާތަށް މެންބަރުން ވަނީ އުނިކޮށްފައެވެ.
”މި ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ 40 އިންސައްތަ މެމްބަރުން ވޯޓުލުމުގެ ހައްގުން ނިގުޅައިގަތުމުގެ އަސަރު 2023ގެ ރިޔާސީ އިންތިހާބުގައި ފެންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.“
ނަޝީދު މާލޭގައި ނެތް ވަގުތެއްގައި ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައި އެންމެ 5 ދުވަހުގެ މުއްދަތެއް ނަން ހުށަހެޅުމަށް ދިނުމަކީ އުނދަގޫކުރުމުގެ ނިޔަތުގައި ކޮށްފައިވާކަމެއްކަމަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ތުހުމަތު ކުރެއެވެ.
ރައީސް ނަޝީދުގެ ސިޓީފުޅުގައި މިމެމްބަރުން ވޯޓުލުމުގެ ހައްގުން މަހްރޫމުނުވާނެކަން ކަށަވަރުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.