މިދިޔަ ހުކުރުދުވަހު ސިނަމާލެ ބުރިޖުން އެއާޕޯޓް މަގާއި ގުޅޭ ސަރަހައްދުން ޓްރެފިކް ލައިޓް ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވި މީހާ ދުއްވާފައިވަނީ ލައިޓް ރަތް ކުލައިން ދިއްލިފައިވަނިކޮށް ކަން ހާމަވެއްޖެއެވެ.
ފުވައްމުލައް ބޮޑުގޭ، އުމުރުން 54 އަހަރުގެ އިސްމާއިލް މޫސާ، (ޖަމްބޯ އިއްސެ) ދުއްވާފައި ދިޔަ ސައިކަލް، ޓްރެފިކް ލައިޓަށް މަޑުނުކޮށް ދާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ އެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއާޕޯޓަށްދާ މަގަށް ވަންނަން އަންނަ އުޅަނދުތަކަށް ޓްރެފިކް ލައިޓް ފެހި ކުލައިން ދިއްލުނު ވަގުތު ހުޅުލެމާލެއަށްދާ ވެހިކަލްތައް މަޑުކުރަން ޖެހުނު ނަމަވެސް އޭނާ ދިޔައީ މަޑުނުކޮށް ވަރަށް ބާރު ސްޕީޑްގައެވެ. އެވަގުތު އެއާޕޯޓަށްދާ މަގަށް ވަންނަން އައި ކާރެއްގައި އޭނާގެ ސައިކަލް ޖެހި ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓޭ މަންޒަރު މި ވީޑީއޯއިން ފެނެއެވެ.
މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހު މެންދުރު 2:30 ހާއިރެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އިއްސެ އަކީ ބެންކޮކްގައި ވަރަށް ފުޅާ ދާއިރާއެއްގައި ފައިވާނާއި، މުދާ ފޮނުވައިދިނުމުގެ ހިދުމަތް ދެމުން އައި ވިޔަފާރިވެރިއެކެވެ. އޭނާގެ މަރަކީ، ދިވެހި ވިޔަފާރިވެރިންނަށާއި އާއިލާ އަށް ވެސް ލިބުނު ކުއްލި ޝޮކެކެވެ.