ހދ.ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މަރުޖެއެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަބޫބަކުރު ފައިސަލް މިއަދު 08:28 ހާއިރު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ. ފައިސަލް މަރިވީ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާއަށް ފަރުވާދެން ފެށީ، ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުންނެވެ.
ފައިސަލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.
ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާއަށް މަރުގެ ތުހުމަތު ކުރެވެނީ އެހާދިސާ ހިނގާދިޔައިރު އެގޭގައި އޭނާ އެކަނި ހުރުމާއި، އަދި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނެވެ.
ފުލުހުން ބުނެފައިވަނީ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވަކަމަށެވެ. ނަމަވެސް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ވަކި ދުވަހެއް ފުލުހުން އަދި ހިއްސާކޮށްފައި ނުވެއެވެ.