ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހެއްގެ އަތުން އަތުލި ޕެކެޓުގައި ހުރީ ގޮދަން ފުށްކަމަށް ބުނާތީ އެ ތަކެތި އަވަހަށް ތަހުލީލުކުރަން ކްރިމިނަލް ކޯޓުން އެދިއްޖެއެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ކްރިމިނަލް ކޯޓުގައި ބުނީ އޭނާގެ ޖިންސުގެ ވާތް ފަރާތު ޖީބުން ޑްރަގަށް ޝައްކު ކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ކޯޓުގައި ބުނީ އެއީ އޭނާގެ ރައްޓެއްސަކަށް ލަނޑެއްދޭން ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށެވެ.
އޭނާއަކީ ޑްރަގާއި ވައްކަމުގެ ރެކޯޑް އޮތް މީހެކެވެ. ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާތީ ކޯޓުން އޭނާގެ ބަންދަށް ޖެހީ 5 ދުވަހެވެ. ކޯޓުން ވަނީ އަތުލި ޕެކެޓުގައި ހުރީ ގޮދަން ފުށްކަމަށް ބުނާތީ އެ ތަކެތި އަވަހަށް ތަހުލީލުކުރުން މުހިންމު ކަން ފާހަގަކޮށްފައެވެ.