އިޓަލީގެ ޤައުމީ އެއަރލައިން އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއަރވޭސްގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.
އެ އެއަރލައިންގެ ފުރަތަމަ ފްލައިޓް ވީއައިއޭގައި ޖެއްސީ މިއަދު 11:21ގަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާއިރު މި ފުލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާރސެލިއުޓެއް ވަނީ އަރުވާފައެވެ. މި ޕްލައިޓްގައި ރާއްޖެއަށް 300 މީހުން ވަނީ އައިސްފައެވެ.
އިޓަލީގެ ޤައުމީ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ ފިނި މޫސުމާއި ދިމާކޮށެވެ.
އިޓާގެ ދަތުރުތައް ރާއްޖެއަށް ކުރަނީ އިޓަލީގެ ރޯމްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި އެއަރލައިނުން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރާނެއެވެ. ނަމަވެސް މި މަހުގެ 21އިން އަންނަ ޖެނުއަރީ މަހުގެ 22އާ ހަމައަށް ކޮންމެ ހަފުތާއަކު ތިން ދަތުރު އެ އަރލައިނުން ރާއްޖެއަށް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ އަހަރުގެ ފިނި މޫސުމާ ގުޅުވައިގެން ފެށި ދަތުރުތަކެކެވެ.
އިޓާއިން މިހާރުވެސް ދުނިޔޭގެ 21 ޤައުމަކަށް ދަތުރުކުރެއެވެ.
އިޓަލީއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިޓަލީއަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.