ޤަޠަރުގައި މި އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދޭން ”ފީފާ“އިން ކަނޑައެޅީ 42 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ޗެމްޕިއަން ޓީމަކަށް ދުނިޔޭގެ ފުޓްބޯޅަ ޖަމްއިއްޔާ ”ފީފާ“އިން މިހާތަނަށް ދޭން ކަނޑައެޅި ފައިސާގެ އެންމެ ބޮޑު އިނާމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 42 މިލިއަން ޑޮލަރު ދޭން ނިންމިއިރު ފައިނަލް މެޗުން ބަލިވި، މުބާރާތުގެ ދެވަނަ ޓީމަށް ދޭން ކަނޑައަޅާފައި ވަނީ 30 މިލިއަން ޑޮލަރެވެ.
ޤަޠަރު ވޯލްޑް ކަޕްގެ ފައިނަލްމެޗުގައި ކުޅޭ ދެ ޓީމަށް ޖުމްލަ 72 މިލިއަން ޑޮލަރުގެ އިނާމު ކަނޑައަޅާފައިވާ އިރު ވޯލްޑް ކަޕަށް ”ފީފާ“އިން ފައިސާގެ އިނާމުގެ ގޮތުގައި ކަނޑަޅާފައި ވަނީ 440 މިލިއަން ޑޮލަރެވެ.
މުބާރާތުގައި ވާދަކުރި އެހެން ޓީމުތަކަށް ފައިސާ ދޭނީ އެ ޓީމުތައް މުބާރާތުގައި ހޯދާފައިވާ ކާމިޔާބީގެ މައްޗަށް ބަލާފައެވެ.
މީގެ ހަތަރު އަހަރު ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސަށް 38 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ލިބުނުއިރު، މިއަހަރުގެ ޗެމްޕިއަންޝިޕަކީ ”ފީފާ“އިން މިހާތަނަށް ދިން އެންމެ ބޮޑު ފައިސާގެ އިނާމެވެ.
ފިރިހެން އަދި އަންހެން ވޯލްޑް ކަޕަށް ހުށަހަޅާ އިނާމު ފައިސާގެ އަދަދުގައި ވަރަށް ބޮޑު ތަފާތެއް ވެއެވެ. ފިރިހެނުންގެ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޖުމްލަ އިނާމު ފައިސާއަކީ 440 މިލިއަން ޑޮލަރު ނަމަވެސް 2023 ވަނަ އަހަރު ބާއްވާ އަންހެން ވޯލްޑް ކަޕްގެ އިނާމު ފައިސާއަކީ އެންމެ 60 މިލިއަން ޑޮލަރެވެ. އެއީ 380 މިލިއަން ޑޮލަރުގެ ތަފާތެކެވެ.
މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާދީއްތަ ދުވަހުގެ ރޭ ފްރާންސާ ވާދަކޮށް އާޖެންޓީނާ ހޯދީ ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުން މޮޅުވެގެންނެވެ.