ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލި ގޮތާމެދު މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ނުރުހުން ފާޅުކުރައްވައިފިއެވެ.
މެންބަރު ޢާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރައިމަރީއަށް ކުރިމަތިލައްވާނެކަމަށް ޕާޓީގެ ރައީސް ނަޝީދު ވިދާޅުވަނިކޮށް ރަށުގައި ނޫޅުއްވަނީސް އިންތިޚާބަށް ކުރިމަތިލެއްވުމަށް ދިނީ އެންމެ 5 ދުވަހުގެ މުއްދަތެއް ކަމަށެވެ.
”ކޮންމެކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަގަޅެއް ނުވާނެ.“ އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީން މިއަދު ހެނދުނު ކުރި އިއުލާނެއްގައި ބުނީ ރިޔާސީ ޕްރައިމަރީ 28 ޖެނުއަރީގައި އޮންނާނެ ކަމަށެވެ.
”ވީމާ މިޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފެޅުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ މިޕާޓީގެ 500 މެންބަރުންގެ ތާއީދާއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ.“ އިއުލާނުގައިވެއެވެ.
ރައީސް ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިއަދު އިއުލާނުވެސް ކުރައްވައިފައެވެ. އެދިވަޑައިގަތީ ޕާޓީގެ ހުރިހާ މެންބަރުން ވެސް އެ މަނިކުފާނަށް ވޯޓު ދިނުމަށެވެ.