މި ސަރުކާރަށް ބުރިޖު ނޭޅުނު ތަނުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެޅުއްވި ބުރިޖު ކުނިކަހައި ސާފުކޮށްނުލެވުނު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ހައިވޭގެ ބައެއް ސަރަހައްދުތައް ނުބެލެހެއްޓޭތީ އެ ތަންތަނުގެ ހާލަތު ގޯސްވެފައިވާ މަންޒަރު ފެންނަ ވީޑިއޯ ކްލިޕެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރަށް ބުރިޖު ނޭޅޭނެކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އެކަމަކު އަޅާފައި އޮތް ބުރިޖާ އެ ބުރިޖާ ގުޅިފައިވާ ހައިވޭ ކުނިކަހާ ސާފުކޮށްލެވޭނެ ކަމަށް ހީކުރެއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ނަމަވެސް ޑިވައިޑަރުގައި އަޅާފައިހުރި ލޯވަޅުތައް ބެދި ގަސްފަޅައިފި ކަމަށާއި ވާރޭ ވެހިއްޖެނަމަ ދަތުރުކުރާ ފަރާތްތަކަށް ހުރިހާ ތުރާލެއް ޖެހިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރުން އަންނަނީ މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅުވައިލުމަށް ބުރިޖު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންޑިއާގެ އެފްކޮންސް ކުންފުނިިން ބުރިޖުގެ މަސައްކަތް ފެށިތަނާހެން, ބުރިޖު މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމް ވިލިމާލޭ ފަރަށް އަރައިފިއެވެ. އަދި އެ މަސައްކަތުގައި ބޭނުންކުރި ކެރޭނެއް ބިންދައިގެން މޫދަށް ވެއްޓިއްޖެއެވެ. އެހެންވެ އެ ބުރިޖު އެޅިދާނެތޯ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.