ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޕްރޮމޯޓްވެވަޑައިގަތުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމް ބޭނުންކުރައްވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ޕީއެސްއެމްއަށް ވަޑައިގެންފިއެވެ.
ޕީޕީއެމްއިން ބުނީ ދައުލަތުގެ މީޑިއާ ސިޔާސީކޮށް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޕްރޮމޯޝަން ޖައްސައި އިދިކޮޅަށް އެއްވެސް ފުރުސަތެއް ނުދީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށެވެ.
އަދި ޕީއެސްއެމް ހިންގާ ގޮތާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މުވައްޒަފުންނަށް ބިރުދައްކާ މުވައްޒަފުން ނިކަމެތި ކުރަމުންދާތީއާއި، ރިޔާސީ އިންތިޚާބު ބޯމަތިވާއިރު އެމްޑީޕީ ބޭނުންވާގޮތަށް ޕީއެސްއެމް ހިންގަމުންދާތީ، މިކަންކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އެ ކޯލިޝަންގެ ލީޑަރޝިޕުން ޕީއެސްއެމްގެ ސީއީއޯ ޢަލީ ޚާލިދު ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން ފިއްލަވާފައިވާ ކަމަށެވެ.
”ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން ވަގުތުނުދެއްވާ ވަލު ދޮރާށިން ސީއީއޯ އަލީ ޚާލިދު ވަނީ ފިއްލަވައިގެން ބޭރަށް ވަޑައިގެންފައި.“
ނަމަވެސް ޕީއެސްއެމް ޒިންމާދާރު ކުރުމަށްޓަކައި ކޯލިޝަނުން އަދިވެސް ޕީއެސްއެމްއަށް ދާނެކަމަށް ބުންޏެވެ.