އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އިޢުލާންކުރައްވައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެކަމަށް އެޕާޓީން ބުނެފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28ގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޕާޓީގެ މެންބަރުން އެމަނިކުފާނަށް ތަޢީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީން މިއަދު ކުރި އިޢުލާނުގައި ވަނީ އެޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، އެބޭފުޅަކަށް ތާއީދު ކުރާ 500 މެމްބަރުންގެ ތާއީދާއީއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެދިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އެޕާޓީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މީގެކުރިން ވަނީ ފާޅުކުރައްވާފައެވެ.
އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތަޢާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުއެވެ.