ނުވަ ވަނަ ބައި
ތަފުސީލް ދޭން ބޭނުން ނުވިއަސް މުސްކާން ވާހަކަދެއްކީ ފޮރުވުމެއް ނެތިއެވެ.
އައިންތު އެހެންހެއްޔޭ ބުނެ ބޯޖަހައިލަމުން ނިކުންނަން ހިނގައިގަތެވެ.
”ދައްތަ ވެސް އިންޑިއާއަށް ދަންތަ!“ މުސްކާން ކުރި ސުވާލު އަޑު އިވުމުން އައިންތު މަޑުކޮށްލިއެވެ.
”ދައްތައަކަށް ނުދެވޭނެނު ރިހާން ބަހައްޓާފަކައެއް.!“ އައިންތު މަޑުމޮޅި އަޑަކުން ވާހަކަ ދެއްކިއެވެ. އައިންތުގެ ވާހަކައިގެ ރާގު ހުރިގޮތުން މުސްކާންއަށް ޝައުގުވެރިވެވުނެވެ.
”ދައްތާ!….. ރިހާން ވިހޭއިރުވެސް ލޮލުގައި ނުފެންނަނީތަ!“ ޖެހިލުންވެ ހުރެވެސް އެ ކަން އޮޅުން ފިލުވާހިތުން ހުރި މުސްކާން އައިންތުއާ ސުވާލުކުރިއެވެ.
”ނޫނޭ! އެސޮރު ގްރޭޑް 10 ނިންމާ އެގާރާގައި ކިޔަވަން ވެގެން ހުރިހާ ތައްޔާރެއްވެސް ވި. އެއް ދުވަހަކު ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމަކަށް އެ ސޮރާ މަށާ ދިޔައީ! އެތަނުން ދިމާވި ރާއްޖެތެރޭ ރަށެއްގެ ބެލެނިވެރިއެއް އަހަންނާ ޖެހިގެން އިނީ. ބައްދަލުވުން ނިިމިގެން ގެއަށްދާންވެގެން އަހަރެމެން ދެމައިން ނިކުތްތަނާ މި ބުނި މީހާ އައިސް އަހަރެން ކައިރީ މަޑުކޮށްލި ވަގުތު ރިހާން ފެނުމުން ވާހަކަ ދައްކަން ފެށީ! …. ދެން އެ ސޮރުވެސް ވަރަށް ހެވިފަ ހުރެ ވާހަކަ ދައްކަން ފެށީމަ މީނައަށް އެ ސޮރުގެ ދެލޯ ފެނުނީ!…. ކުއްލިއަކަށް މީ ހާދަ ރީތި ދެލޮލެއް ލިބިފަހުރިކުއްޖެކޭ. ކާކުގެ ލޮލެއްހޭ މީނަގެ މިހިރީ! ކިޔާ ފަތިވަރުތަކެއް އަމުނަން ފެށީ!….. ދެން ދައްތަ ހިތަކަށް ނާރާނެނު މީ މާބޮޑުކަމަކަށް ވެދާނެއެކޭ!… ވަރަށް ގިނަމީހުން އެ ސޮރުގެ ލޮލާ ބެހޭ ވިއްޔަ!…އެރޭ ގެއަށް އައިސް ނިދަން އޮވެފަ ރިހާން ރޯ އަޑަށް ދައްތަ ޖެހިގެން ހުރި ކޮޓަރީގަ އޮވެފަ މި ދިޔައީނު. އޭރު ރިހާން ތެޅި މަރުވަނީ …. ލޮލާ ބޮލާ އެއްކޮށް ރިއްސާވަރުން. ދެން ހޮސްޕިޓަލަށް ގޮވައިގެން ދިޔައީ… ޑޮކްޓަރ ބައްލަވާފަ ބޭސްގުޅައެއް ދިނީ ރިހުން ކެނޑިއްޖެ. ފަހު ދުވަހު ހެނދުނު ތެދުވި އިރު އެ ސޮރުގެ އެއްވެސް ލޮލަކަށް ނުފެނޭ!“ އައިންތު މާނޭވާއެއް ލުމަށްފަހު ވާހަކަ ނިންމައިލިއެވެ.
އެ ވަގުތު މުސްކާންގެ ލޮލުން ކަރުނަ އާދެއެވެ. ރިހާންގެ އެންމެ ޒުވާން އުމުރެވެ. ހާދަ ގިނަ އުންމީދުތަކެއް ރިހާންގެ އޮންނާނެއެވެ. ހާދަ ފޮނި ހުވަފެންތަކެއް ރިހާން ދެކޭނެއެވެ. މުސްކާންގެ ހިތް ކުދި ކުދި ވިއެވެ.
”ދެން ދައްތަމެން އިތުރު ފަރުވާއެއް ނުކުރަންތަ! ކީކޭ ޑޮކްޓަރުން ބުނުއްވަނީ!“ މުސްކާންގެ އަޑުގައިވަނީ އިންތިހާއަށް ހަމްދަރުދީއެވެ.
”ދެތިން އަހަރު ވަންދެން އެތައް ގައުމަކަށް އެތައް ޑޮކްޓަރުންނަކަށް ރިހާން ދެއްކުނު. އެންމެންގެ ވެސް ޖަވާބަކީ އެއް ޖަވާބެއް. ބައްޔެއް ނެތްކަމަށާ މިހެންދިމާވާން ޖެހުނު ސަބަބެއް ނޭނގޭ ކަމަށް! ދެން ކީއްކުރާނީ… އެމީހާ އަކީ ވަރަށް އެސްފިންނާ ގަދަ މީހެކޯ ވެސް މީހަކު ބުނި މިކަން އެނގިގެން! އެސޮރުގެ ލޮލަށް ފެނުން ދެއްވަން ހުރި އިރަކުން ދެއްވާނެ. އަހަރެން އަބަދުވެސް އެ ގޮތަށް އެދި ދުޢާ ކުރަން!“ އަނގައިން ނިކުތް އާހް އަކާ އެކު އައިންތު ވާހަކަ ނިންމައިލިއެވެ. އައިންތު ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ!
އައިންތު ދިޔައީއެވެ.
ރިހާންގެ ހިތަށް ހާދަ އަސަރެއް ކުރާނެއެވެ. އެހެން ހިތަށް އެރުމުން މުސްކާންގެ ހިތުގައި ނުތަނަވަސްކަމާ ރިހުން ހިނގަންފެށީ ހައްދެއް ނެތިއެވެ. ކުރިން ނުވިސްނޭވަރަށް ރިހާންއާ މެދު ވިސްނެން ފެށިއެވެ. އަދި ބޭއިޚުތިޔާރުގައި ރިހާންގެ ލޮލުގެ ފެނުން އަނބުރާ ދެއްވުން އެދި އެތައް އިރަކު ދުޢާކުރެވުނެވެ. އެ ހިތަށް ހާދަ އަސަރެއް ކުރާނެއެވެ.
އެރޭ ނިދަން އޮށޯތުމުން ވެސް މުސްކާންގެ ލޮލަކަށް ނިންޖެއް ނައެވެ. ޚިޔާލުގެ ދުރުމީއިން ފެންނަމުން ދިޔައީ ރިހާންގެ ވޭންދެނިވި ކުޑަކުޑަ ދުނިޔޭގައި އޭނާ އުޅޭނެ ގޮތެވެ. ރިހާން ތަޙައްމަލް ކުރަމުންދާ އެކަނިވެރިކަމެވެ. އަލިކަމެއްނެތް އެ އަނދިރި ދުނިޔޭގައި ރިހާން ވަގުތު ހޭދަކުރާނެ ގޮތެވެ.
ފަހުދުވަހަކީ ހުކުރު ދުވަސްކަމަށްވުމުން މިއީ ހަމަޖެހިލައިގެން ނިދާލަން ލިބޭ ދެ ދުވަހުން އެއް ދުވަހެވެ. މިގޭ މީހުންވެސް ޢާންމުކޮށް ވެސް ހުކުރުދުވަހު ކޮޓަރިން ނިކުންނާނީ ނުވައެއް ޖަހާލާ އެހާކަންހާއިރުއެވެ.
މުސްކާންއަށް ނިދުނީ ފަތިސްވާންއުޅެނިކޮށެވެ. އެހެންނަމަވެސް ފަތިސް ވަގުތު ހަމަ ޖެހުމާއެކު މުސްކާންއަށް ހޭލެވިއްޖެއެވެ. އެހެންވިޔަސް ކަންނެތްކަން އިޙުސާސްވުމުން އަނެއްކާވެސް އޮށޯތީއެވެ. ދެން ހޭލެވުނުއިރު އިރުއަރަން އޮތީ ވަރަށް ކުޑަވަގުތުކޮޅެކެވެ. ފުންމައިގެން ތެދުވެ ފާޚާނާއިން އަވަސްވެލައިގެން ނިކުމެ ކިރިޔާ ނަމާދުކޮށްލެވުނީއެވެ. އެ ހިސާބުން އިތުރަށް ނިދަން އޮށޯތުމުގެ ވިސްނުމެއް ނައެވެ. ނިދި ފިލީއެވެ. މުސްކާންއާ ދުރަށް މާ ދުރަށް ނިދި ދިޔައީއެވެ. އެހެންކަމުން ކޮފީތައްޓެއް ގިރައިގެން ޓެރެސްއަށް ދާނީއޭ ޚިޔާލަށް އައުމުން މަޑުމަޑުން ހިނގާލާފަ ގޮސް ވަނީ ލިފްޓަށެވެ.
ކޮފީތަށި ހިފައިގެން ޓެރެސްއަށް އެރި މުސްކާން ފަތިހުގެ އެ ހިތްގައިމު ފިނިކަމުން އުފާ ލިބިގަންނަމުން ދެލޯ މަރައި ބާރުކޮށްލިއެވެ. އަދި އުޑާދިމާއަށް މޫނު ހިއްލާލައިގެން އެ ހިތްގައިމު ފިނިރޯޅިގެ އުފާ އިޙުސާސްކޮށްލަން އިރުކޮޅަކު މަޑުކޮށްލިއެވެ. އެހެންވިޔަސް މާގިނައިރަކު އެހެނެއް ނުހުރެވުނެވެ. އިވުނީ އެވަގުތު ޚިޔާލަށް ވެސް އައިސްފައި ނުވާ މީހެއްގެ އަޑެވެ.
”ކާކު!.. މަންމަ!“ ސިއްސައިގެންދިޔަ ވަރުން މުސްކާންގެ އަތުގައި ހުރި ކޮފީތަށި ނުވެއްޓުނީ ކިރިޔާއެވެ. އެހެންނަމަވެސް އެއަޑު ކަންފަތުގައި ޖެހުމާ އެކު އެ މޫނާ ދިމާލަށް ބަލައިލެވުމުގެ ކުރިން ވެސް މުސްކާންގެ މޫނު އަލިވެ އުޖާލާވެގެން އައެވެ. އިރުގެ ދޯދިތަކުން ފެންވަރުވަން ތައްޔާރުވަމުންދާ ހެނދުނުގެ އެ ވަގުތުފަދައިންނެވެ.
”އަހަރެން! މުސްކާން!“ މުސްކާންއަށް ޖަވާބު ދެވުނީ އިޚުތިޔާރުން ބޭރުގައެވެ. އެހެންމަވެސް ދެން ހަމަ ޖެހިލިއެވެ.
”ކޮފީބޯނަން!“ ދެވަނަ ސިކުންތުގައި މުސްކާން ކޮފީގެ ޚިޔާލު އައުމުން ރިހާން ކޮފީ ބޭނުންތޯ އެހީއެވެ. އެހެންނަމަވެސް ރިހާން ވަކި ޖަވާބެއް ނުދެއެވެ.
”އަންނާނަން! މަޑުކޮށްލައްޗެ!“ މުސްކާންއަށް ތިރިިއަށް ދުއްވައިގަނެވުނެވެ. ފަހަތަށް އެނބުރި ބެލުމެއް ނެތި މުސްކާން ސިޑިން ފޭބިއިރު މުސްކާންގެ ފިޔަވަޅުގެ އަޑު އައި ދިމާއަށް މޫނު އަނބުރާލައިގެން ރިހާން އިނެވެ.
މާގިނަ ވަގުތެއް ގުނާކަށް ރިހާން އަކަށް ނުޖެހުނެވެ. އަނެއްކާވެސް މުސްކާންގެ ފިޔަވަޅުގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ފޫދުއްވައިލިއެވެ. ރިހާންގެ ނިތްކުރިމައްޗަށް ވެރިވީ ނުތަނަވަސްކަމެވެ.
ކޮފީތަށި ހިފައިގެން މައްޗަށް އެރި މުސްކާން ކޮފީތަށި ހިފައިގެން ގޮސް ރިހާން ކައިރީ މަޑުކޮށްލިއެވެ.
”ކުޑަކޮށް ހޫނު ވާނެ!“ ކޮފީތަށި ދިއްކޮށްލަމުން މުސްކާން ބުންޏެވެ. ރިހާން ކަނާތް ކުރިއަށް ދިއްކޮށްލިއެވެ. މުސްކާން ފަރުވާތެރިކަމާއެކު ރިހާންގެ އަތަށް ތަށި ފޯރުކޮށްދިނެވެ. ދެން އައީ ހަމަހިމޭންކަމުގެ ވަގުތު ކޮޅެކެވެ. އެހެން އިންނަން އުދަނގޫވީ މުސްކާން އަށެވެ.
”އަދިވެސް އަހަރެން ދެކެ ރުޅިންތަ!“ ވަރަށް ހިމަ ވެލާފައި މުސްކާން ވާހަކަ ދެއްކިއެވެ.
”ކޮންކަމަކާ!“ އެހާ ކުރު ސުވާލެކެވެ.
ދެން ބުނާނެ އެއްޗެއް މުސްކާންގެ ވިސްނުމަކަށް ނައެވެ. އެހެންވެ އިރުކޮޅަކުން މައުޟޫއު ބަދަލުކޮށްލިއެވެ. ބޭނުމަކީ ރިހާންއާ މުސްކާންއާ ދެމެދު އޮތް ނުރައްޓެހިކަން ކުޑަކޮށްލުމެވެ. އަދި ރިހާންއާ ވާހަކަދެއްކުމުގެ ޝައުގުވެސް އޮތުމުންނެވެ. އެއަށްވުރެ ބޮޑަށް އައިންތު އެބުނި ރިހާންގެ ދެލޯ ވަރަށް ގާތުން ބަލައިލުމުގެ އެދުން އަދި މާބޮޑަށް އޮތުމުންނެވެ.
”ރިހާން ކޮންމެ ދުވަހަކުވެސް މިތަނަށް އަންނަންތަ!“ މުސްކާން ވާހަކަ ދެއްކީ ރިހާން ޖަވާބުދޭނެހެން ހީވާ ގޮތަށެވެ.
”އަހަރެން ދެން ވަކި ދާނެ އެހެންތަނެއް އެބަހުރިތަ! އެހެންމީހެއްގެ އެހީއާ ނުލާ އަހަންނަށް ދެވޭނެ ތަނަކަށް އަހަރެންވެސް ދާނެތާ!“ ރިހާންގެ ވާހަކަ ހުރިގޮތުން މުސްކާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ކޮންމެ މީހަކު އެ ޖާގައިގަ ހުއްޓަސް ވާހަކަ ދައްކާނީ އެ މޭރުމުންނެވެ. އެކަމަކު ރިހާންގެ އަޑުގައި އެވާ އަސަރު ނުހުރެދާނެއެވެ. މުސްކާންގެ ހިތަށް އެންމެ ތަދުވަނީ އެ އަސަރުންނެވެ.
”ރިހާން……!“ މުސްކާން ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވިއެވެ. އެކަމަކު ލަދުވެތިކަން އެކަން ފަރުދާކުރީއެވެ. މުސްކާން ބުނަން އުޅުނު ވާހަކަ ހުއްޓާލުމުން އެވާހަކަ އަހަން ރިހާން ޝައުގު ހުރިކަން އެނގުނީ އިރުކޮޅަކުން ރިހާން ސުވާލުކުރުމުންނެވެ.
”ކީކޭ!“ ރިހާން ކުރި ސުވާލުން މުސްކާންގެ ހިތުގައި އުފާވެރިކަން ހިނގައިލިއެވެ.
”އަހަރެން ބުނީ ….. ފްރެންޑްސް އަަށް އަހަރެމެނަށް ވެވިދާނެހޭ!…. ފްރެންޑްސް!“ މުސްކާންގެ އަޑު އިވުމުން ރިހާންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހިނިތުންވުމެކެވެ. އެހެންނަމަވެސް ސިކުންތުކޮޅަކަށެވެ.
”ވެވިދާނެ! އެކަމް….. !“ ރިހާން ހުއްޓައިލިއެވެ.
”ތީ އަހަރެންގެ ވަރަށް ގާތް މީހެއްގެ ގޮތުގައި އަބަދުވެސް ބަލާނަން! އައި ޕްރޮމިސް!“ ރިހާންގެ އަޑު އިވުމުން ނުދޭންވާ މެސެޖެއްދީ އެންމެ ފަހުން މުސްކާންއަށް ހިފުނީ ރިހާންގެ އަތްތިލާގައެވެ. އެކަމަކު ހަމަ އެ ސިކުންތުގައި އަތުން ދޫވެސް ކޮށްލެވިއްޖެއެވެ.
”ސޮރީ! …. އެކަމުވެސް ހަމަ ތެދެކޭ!“ މުސްކާން ހީވަނީ ކުޑަކުއްޖަކު މަސަލަސް ކުރަން އުޅޭހެންނެވެ.
މިފަހަރު ރިހާން ރިއްޗަށް ވެސް ހީނލައިފިއެވެ.
”ކޮފީ ވަރަށް މީރު! ތޭންކްސް!“ ރިހާން ޝުކުރު އަދާކުރިއެވެ. ރިހާންގެ ހިނިތުންވުމުގެ ތެރެއަށް ގެއްލިފައިހުރި މުސްކާންއަށް ވެސް ހީނލެވުނެވެ.
ދެމީހުން ވާހަކާގައި ތިއްބާ އިރުގެ ރަންދޯދިން ދުނިޔެ ފެންވަރުވަން ފަށައިފިއެވެ. ރިހާންއާ އެކު ހޭދަކުރެވުނު ވަގުތުކޮޅުން ލިބުނު ހިތްހަމަޖެހުމުން މުސްކާން ނިދިވެސް އަންނަން ފަށައިފިއެވެ. އެހެންވެ އިޚުތިޔާރުން ބޭރުން އާ ފުރިލެވުނެވެ. އެ އަޑު އިވުމުން ރިހާން އެކަމާ ސުވާލުވެސް ކުރިއެވެ.
”ކިހިނެއްވީ މިހާ ހެނދުނާ ނިދި އައީ؟ ރޭގަ ނުނިދަނީތަ!“ ރިހާންއަށް މުސްކާން ރޭ ނުނިދާކަން އެނގުނީ ކިހިނެއްހެއްޔެވެ!
”އަސްލުވެސް ނުނިދަން! …. ނުނިދީކީ ނޫން. ނުނިދުނީ!“ މުސްކާން ބުނީ ތެދަށެވެ.
”އެ ކީއްވެ!“ ވަގުތުން ރިހާން ސުވާލުކުރިއެވެ.
”ހެ ހެ، އެވާހަކަ ފަހުން ބުނާނަން. އޯކޭނު! .. ދަނީ މިވަގުތު!“ ދާން ތެދުވަމުން މުސްކާން ބުންޏެވެ.
ރިހާން އިނީ މުސްކާންގެ ފިޔަވަޅުގެ އަޑަށް ސަމާލުކަން ދީގެންނެވެ. މުސްކާން ދިޔައީއެވެ. ރިހާންގެ މޫނުމައްޗަށް އެރި ރޫތަކާ އެކު މޫނުގައި އަތް ހާކާ ލެވުނެވެ. ދެން މުސްކާންގެ ފިޔަވަޅުގެ އަޑު ދުރަށް ގޮސް އޮބާލުމުން ރިހާންވެސް ތެދުވީ ކޮޓަރިއަށް ދިއުމަށެވެ.
ހައިދަރު އަވަދިނެތި އުޅުނީ ފާރޫގުގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން ޕާސްޕޯޓް އައު ކުރުމާ ޓިކެޓްގެ ކަންތައް ހަމަ ޖެއްސުމަށެވެ. އަނެއްކޮޅުން މުސްކާންގެ މަންމަ ވިސްނަމުންދިޔައީ މުސްކާން ގޮވައިގެން މި ދަތުރު ދިއުމާ މެދުގައެވެ. މުސްކާންގެ މަންމަގެ ހިތުގައި ހިނގަމުން ދިޔައީ އަދި މުޅިން އެހެން ޚިޔާލެކެވެ.
މުސްކާންގެ މަންމަމެން ރަށުން ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު ގޭ ފިހާރައާ ހަވާލުކުރި ބޮޑުބެގެ އަންހެނުންގެ ބައްޕަ ކުއްލިއަކަށް ބަލި ވުމުން މުސްކާންގެ ބައްޕަ އާއެކު ބޮޑުބެގެ ބަފައިބެ ގޮވައިގެން ބޮޑުބެވެސް އިންޑިއާއަށް ދާން ނިންމި ވާހަކަ މަންމަ ބުނީ އެ ދުވަހުގެ ހަވީރު އަތަށް އެޅިފަހުންނެވެ. އެތެރެ އެތެރެއިން މުސްކާން ހުރީ ހީނލައިގެންނެވެ. އެކަމަށް މުސްކާން ނުލާހިކު އުފާކުރިއެވެ. އެހެންވިޔަސް އެވާހަކަ ނުދައްކާ މަޑުކޮށްގެން ހުރީ ވަގުތު ޖެހެންދެނެވެ. އަދި މަންމަމެން މާލެ އަންނަ ދުވަހުގެ ފަހުދުވަހުގެ ރޭ ރަށަށް ފުރާ ބޯޓެއް އޮތުމުން އެއިން ރަށަށް ފުރަން ވެސް ތައްޔާރުކުރިއެވެ. އެހެން ހެދީ ބައްޕައާ ވާހަކަދައްކާފައެވެ. ފިހާރަ ހުޅުވާ ވިޔަފާރި ކުރިއަށް ގެންދަން މުސްކާން ނުލާހިކު ބޭނުމެވެ. އެންމެ ދުވަހަކު ފިހާރަ ނުހުޅުވިޔަސް އެއިންވާ ގެއްލުން ނުލާހިކު ބޮޮޑުވީމައެވެ.
މުސްކާން މަންމަމެނަށް މާލެ އާދެވުނީ އެ ދުވަހުގެ މެންދުރު އަތަށް އެޅި އިރުއެވެ. އައިންތުގެ ހުއްދައާ އެކު މުސްކާން މަންމަމެން އައީ މުސްކާންގެ ކޮޓަރިއަށެވެ. އެހިސާބުން މުސްކާން އެ ދަތުރު ނުދާކަން އައިންތުއަށް އެނގުނެވެ.
-ނުނިމޭ-