ދުނިޔޭގެ އެންމެ އިސްކޮޅުން ކުރު މީހާގެ ގޮތުގައި އީރާނުގެ 20 އަހަރުގެ ޒުވާނަކު ދުނިޔޭގެ ރެކޯޑު ފޮތުގައި ހިމަނައިފިއެވެ.
އަފްޝިން އިސްމާޢީލް ޣަދަރު ޒާދުގެ އިސްކޮޅުގައި ހުރީ އެންމެ 2 ފޫޓު 1.6 އިންޗިއެވެ.
އަފްޝިންގެ މައިންބަފައިން ބުނި ގޮތުގައި އެ މީހުންގެ ދަރިފުޅު އުފަންވީއިރު ބަރުދަނުގައި ހުރީ އެންމެ 680 ގްރާމެވެ. ނަމަވެސް މިހާރު އުމުރުން 20 އަހަރުގައި އޭނާގެ ބަރުދަނަކީ 6.4 ކިލޯ ގްރާމެވެ.
”ދުނިޔޭގެ އެންމެ އިސްކޮޅުން ދިގު މީހަކީ ކާކުކަން އަހަންނަށް އެނގޭ.“ އިސްކޮޅާ ބެހޭ ގޮތުން ވާހަކަދައްކަމުން އަފްޝީން ބުންޏެވެ. ”ދުނިޔޭގެ އެންމެ ދިގު މީހާގެ އަތްތިލައިގައި އަހަންނަށް އިނދެވޭނެ.“
އާދަޔާ ޚިލާފަށް އިސްކޮޅުން ކުރުވުމުގެ ސަބަބުން ވަޒީފާއެއް ހޯދަން ދަތިތަކެއް ކުރިމަތިވެފައިވާ އަފްޝިނު ބުނީ އިސްކޮޅުން ކުރުވިޔަސް އޭނާއަށް ލިބިފައިވާ މަޝްހޫރުކަމުގެ ސަބަބުން އާއިލާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭނެ ގޮތްތަކެއް އޭނާއަށް ފަހިވެގެންދާނޭކަމަށް އުއްމީދުކުރާކަމަށެވެ.
އަފްޝިނަށް ވުރެ ކުރިން ދުނިޔޭގެ އެންމެ ކުރުމީހާގެ ރެކޯޑު ލިބިފައި ވަނީ ކޮލަމްބިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުވީ އެޑްވާޑް ”ނީނޯ“ ހަނާންޑޭޒް އަށެވެ.