ހުޅުމާލެ ފޭސް ދޭއެއްގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ތިން ފިރިހެނުންނާއި އަންހެނަކަށް ކަމަށެވެ. އަނިޔާ ލިބުނު މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލް ދުއްވި 23 އަހަރުގެ އަންހެން މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް ސައިކަލް ދުއްވި ފިރިހެން މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސެންސް އޮތް މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.