ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް އެ އޮތޯރިޓީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް މިއަދު ދީފިއެވެ.
މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި މިފަދަ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސެވެ. މި ލައިސަންސްގެ ދަށުން އެޗް.ޑީ.ސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމު ކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗަރ ދޫކުރުމުގެ ހުއްދަ ލިބިދޭނެއެވެ. ރަސްމީ ސިފައެއްގައި މިއަދު މި ލައިސަންސް އެޗް.ޑީ.ސީއަށް ދޫކުރެވުނު ނަމަވެސް، މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ މީ ފުރަތަމަ އޯޕަން އެކްސެސް ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ ކޯޕަރޭޝަނަށް ވަނީ މީގެކުރިން ދެވިފައެވެ.
އަދި އެޗް.ޑީ.ސީއަށް މިއަދު ދިން ރަސްމީ ލައިސަންސް ދޫކުރެވުނީ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީކަން އެ އޮތޯރިޓީއިން ވަނީ ފާހަގަކޮށްފައެވެ.
އެޗް.ޑީ.ސީންވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފް.ޓީ.ޓީ.އެޗް (ފައިބަރ ޓު ދަ ހޯމް) ގެ ޚިދުމަތް ދޭންފަށާފައެވެ. އަދި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފޯރުކޮށްދެމުން އަންނަތާ އެއް އަހަރުވެފައިވާކަމަށްވެސް އެ އޮތޯރިޓީއިން ފާހަގަކޮށްފައިވެއެވެ.
މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ޚިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އަދި އަދި އެޗް.ޑީ.ސީން ދެކެއެވެ. އަދި މީގެ ސަބަބުން މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެއެވެ.