ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ސެމީ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗުގައި ބޭނުންކުރާނެ ”އަލް ހިލްމް“ ބޯޅަ ދައްކާލައިފިއެވެ.
މީގެ ކުރިން ވޯލް ކަޕްގައި ބޭނުންކޮށްފައިވަނީ ”އަލް ރިހްލާ“ ގެ ނަމުން ނަން ދެވިފައިވާ ބޯޅައެކެވެ. ނަމަވެސް ކުރިއަށް ހުރި މެޗްތަކުގައި ބޭނުންކުރާނީ އަލް ހިލްމް އެވެ. އަލް ހިލްމްގެ މާނައަކީ ”ދަ ޑްރީމް“ ނުވަތަ ދެކޭ ހުވަފެނެވެ.
މި ޒަނަމާގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އުފައްދާފައިވާ އަލް ހިލްމު ބޯޅައިގައިވެސް ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ ވަނީ ބޭނުންކޮށްފައެވެ.
ފީފާއިން ބުނާ ގޮތުގައި އަލް ހިލްމް ބޯޅަ އުފެއްދުމުގައިވެސް ބޭނުންކޮށްފައި ވާނީ ތިމާވެއްޓާއި ރައްޓެހި އާލަތްތަކެވެ. އަލް ރިހްލާ ބޯޅައާއި އެއް ޑިޒައިނަކަށް ފަރުމާކޮށްފައިވާ އަލް ހިލްމް ބޯޅައިގައި ތަފާތު ކަމަކަށް ހިމެނެނީ ބޯޅައިގައި ބޭނުންކޮށްފައިވާ ކުލައެވެ.
އެގޮތުން މި ބޯޅައިން ފެންނަން ހުންނާނީ ގަތަރުގެ ދިދައިގެ ކުލަތަކާއި ފީފާ ވޯލްޑް ކަޕުގެ ޓްރޮފީގެ ކުލަތަކެވެ.
މުބާރާތުގައި މިހާތަނަށް ގްރޫޕް ސްޓޭޖާއި، ރައުންޑް އޮފް 16ގެ މެޗުތަކުގެ އިތުރުން ކުއާޓާ ފައިނަލުގެ މެޗުތަކުގައި ބޭނުންކޮށްފައި ވަނީ އެޑިޑާސްގެ ”އަލް ރިހްލާ“ ބޯޅައެވެ.
ރިހްލާ ބޯޅަ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ބޯޅައެއް ކަމަށާއި މިއީ ތިމާވެއްޓާ ރައްޓެހި އާލަތްތައް ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ފީފާ ވޯލްޑް ކަޕް އޮފިޝަލް މެޗް ބޯޅައެވެ.
މި ބޯޅައިގައި ކަނެކްޓެޑް ބޯލް ޓެކްނޮކޮޖީ ނުވަތަ މޯޝަން ސެންސަރު ބޭނުންކޮށްފައިވާއިރު، މި ޓެކްނޮލޮޖީވީ، މެޗުތަކުގައި އިންސާފުކުރާ ރެފްރީންނަށް ނިންމުންތައް ނިންމުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ޓެކްނޮލޮޖީ އަކަށެވެ.
ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނު 60 މެޗުގައިވެސް ބޭނުންކޮށްފައިވަނީ އަލް ރިހްލާ ބޯޅައެވެ.