އަށްވަނަ ބައި
އަޅެ، އަހަރެން ކިހާ ގޯސްހެއްޔެވެ. ރިހާންގެ ހިތަށް އަރާނީވެސް ކީކޭ ހެއްޔެވެ. އަސްލު ރުޅިއަންނަށް ހައްޤީ ވެސް އޭނާއެވެ.
ދެ ފިކުރެއްގައި ހުރި މުސްކާން ރިހާން ގާތަށް ދާން ހިނގައިގަތެވެ. އެހެންމަަވެސް އެ ޚިޔާލު ބަދަލުވެ އަލުން އައިކޮޅަށް އަނބުރާލާފައި ގޮސް ސިޑިން ފައިބާފިއެވެ. ރިހާންގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް މުސްކާންއަކަށް ނުލިބުނެވެ.
މުސްކާން ދުވަމުންގޮސް ސިޑިން ފޭބި އަޑު އިވުމުން ދެރަވެ އިސްޖެހިފައި ހުރި ރިހާން އެނދުގައި އިށީނެވެ. އަދި ދެ އަތް މޫނުގައި އަޅައި ފޮރުވައިލެވުނެވެ. މުޅި ދުނިޔެއަށް ވެސް އެ މޫނު ދައްކަން ބޭނުން ނުވަނީހެންހީވެއެވެ.
”އަހަންނާމެދު ތަގުދީރު މި ކުރަހައިލީ ހާދަ އެހެންކަހަލަ ކުރެހުމެކެވެ. އެ ކުރެހުމަކުން އަހަރެންގެ މުޅި ވުޖޫދު އަނދިރިކޮށްލިއެވެ. ޚުދު އަހަންނަށް ވެސް އެ އަނދިރިކަމުން އަރައިނުގެނެވޭހާ އަނދިރިކޮށެވެ.
”މުސްކާން! މުސްކާން އެއީ ކިހިނެއްހުރި ކާކު ހެއްޔެވެ! މުސްކާން ހުންނަނީ ކޮން ސިފައަކަށް ހެއްޔެވެ! މުސްކާންގެ އަޑު އިވުމުން އަހަންނަށް މިކުރެވެނީ ކޮން އިޙުސާސެއް ހެއްޔެވެ. އެ އަޑު އަހާހިތް މިވަނީ ކީއްވެހެއްޔެވެ! އެއަޑުގައި މިވަނީ ކޮންކަހަލަ ޖާދޫއެއް ހެއްޔެވެ! އަބަދުވެސް އެ އަޑު އަހަން ބޭނުންމިވާ ސަބަބަކީ ކޮބައިހެއްޔެވެ! އެއީ ގޮތް ދޫނުކުރާ އަނގަ ގަދަ ކުއްޖެކެވެ. އެ ސިފަ އެއީ އެއް އިރެއްގައި އަހަރެން އެންމެ ފޫހިވި ސިފައެވެ. ވީ އިރު މިހާރު….. މިހާރު އެ ސިފަ އަހަންނަށް ކަމު ދަނީހެއްޔެވެ!“
ރިހާންއަށް އިންތަނުން ތެދު ވެވުނެވެ. ހިތު ލަފަޔަށް ކުރިއަށް ޖެހިލާ ރެއިލިންގައި ހިފައިލުމަށް އަތް ދިއްކޮށްލިއެވެ. އެ ވަރުން އަދި އަތް ޖެހޭވަރު ނުވުމުން އިތުރަށް އެއް ފިޔަވަޅު އެޅިއެވެ. މިހާރު ރިހާން އެހެރީ ރެއިލިންގައި ހިފަހައްޓާލައިގެން ހާމަ ކަނޑާ ދިމާއަށް މޫނު އަނބުރާލައިގެންނެވެ.
އެ ދުވަހު މެންދުރު ކާކަށް ވެސް މުސްކާން ނާދެއެވެ. ހަވީރު ސައިބޯން ވެސް ނާދެއެވެ. އެހެންކަމުން އައިންތު މުސްކާންއަށް ގުޅީ އެރޭ ކާން އިށީނުމުގެ ކުރިން ކާއެއްޗެހި މޭޒުމައްޗަށް ނަގަން ހުރެއެވެ. އޭރު ރިހާން އައިސް އޭނައަށް ޚާއްސަ ގޮނޑީގައި އިށީންނަނީއެވެ. މުސްކާން ފޯނު ނުނެގުމުން އައިންތު އެނބުރުނީ ރިހާންއާ ދިމާއަށެވެ.
”ދަރިފުޅު ކީއްވެ… ކީއްވެ ބޭރަށް ތި އައީ. މަންމަ މެނާ އެއްކޮށްތަ މިރޭ ކާނީ!“ އައިންތު އެގޮތަށް ސުވާލުކުރީ މުސްކާން އެގެއަށް އައި ވާހަކަ އައިންތު ބުނުމުން ދެން ކާނީ ކޮޓަރީގައި އިނދެގެންކަމަށް ބުނީ ރިހާން އަމިއްލައަށް ކަމަށްވެފައި މިރޭ ކާން ބޭރަށް ނިކުތީމައެވެ.
”މަންމާ، އެހެނެއްވެސް އަބަދަކު ނޫޅެވޭނެ ނު! ހަގީގަތާ ކުރިމަތިލާނީއޭ އަހަރެން ހިތަށް އެރީ!“ ރިހާން ދިނީ ހިތުގެ އަޑިން ދިން ޖަވާބެކެެވެ. އައިންތު އައިސް ރިހާން ގައިގާ ކުޑަކޮށް ބައްދާލާގެން އިރުކޮޅަކު ހުއްޓެވެ.
”ދަރިފުޅަކީ ހިތްވަރު ގަދަ ކުއްޖެކޭ މަންމަ ބުނަނީ ތިހެން ވެގެންނޭ!“ އައިންތުގެ ހިތް ދަރިފުޅަށްޓަކައި ހަމްދަރުދީއިން ފުރުނެވެ. އެ ހަމްދަރުދީގެ ކުލަވަރު އެ މަންމަގެ މޫނުމަތިން ރިހާންއަށް ނުފެންނާނެކަން އައިންތުއަށް އެނގެއެވެ. އެހެންވެ އެކަން ފޮރުވާކަށް އައިންތު އެއް ނޫޅެއެެވެ.
ދޮރު ހުލުވާލާފައި މުސްކާން ސިޓިންގރޫމަށް ވަނީ އައިންތު ރިހާން ގައިގާ ބައްދާލައިގެން ހުއްޓައެވެ. މުސްކާން ފެނުމުން ރިހާންއާ ދުރަށް ޖެހެމުން އައިންތު ހިނިތުން ވެލިއެވެ.
”ދައްތަ ވަރަށް ގުޅައިފީމޭ! ބަލީތަ!“ އައިންތު ސުވާލުކުރުމުން މުސްކާން ނޫނެކޭ ބުނީ ބޮލުންނެވެ. އެކަމަކު އެ މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ.
”ދެން ކީއްވެ ކާން ނައީ! މެންދުރު ވެސް ނުކައި… ހަވީރު ސައިވެސް ނުބޮން ދޯ!“ އައިންތު ކަންބޮޑުވީ މުސްކާންގެ މިޒާޖަށް ބަދަލުތަކެއް އައިސްފައި ހުރިހެން ހީވުމުންނެވެ.
”ބަނޑުފައި ނުވާތީއޭ ދައްތާ! މިހާރު މި އައީ ނު!“ މުސްކާންއަށް ވައްކަޅިން ރިހާންއަށް ބަލައިލެވުނެވެ. ރިހާން އިނީ އާދައިގެ މަތިން އައިނު އަޅައި އެ ދެލޯ ފޮރުވައިގެންނެވެ.
”އިށީނދޭ ކާން! ދައްތަ އެބަ އަންނަން ބޭބެ ގޮވައިގެން! މިރޭ ރިހާން ވެސް ކާން އެއިނީ ނިކުމެ ދޯ ދަރިފުޅު!“ އައިންތުގެ އޮޅުންފިލުވައިދިނުން ނިމުމުން ރިހާން ހިނިތުންވެލިއެވެ. މުސްކާންއަށް ފެނުނީ ހިތްގައިމު ރީތި ހިނިތުންވުމެކެވެ. އައިންތު ގޮސް ކޮޓަރީގެ ދޮރުފަތް ލައްޕައިލި އަޑު އިވެންދެން ވެސް މުސްކާންއަށް އިނދެވުނީ އެ ހިނިތުންވުމުގެ ވެރިޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ސިއްސައިގެން ދިއުމަށްފަހު މުސްކާން ހަމަ ޖެހިލިއެވެ. އަދި މިވަގުތު ރިހާންގެ ކިބައިން މަޢާފް އެދުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ދެކުނެވެ. ސަބަބަކީ އެއީ މުސްކާން ކުރަން ޖެހޭނެ ކަމެއްކަމަށް ވެފައި މައާފަށް ނޭދި ހޭދަވާ ކޮންމެ ސިކުންތަކުން މުސްކާންއަަށް އުދަނގޫ ގޮތްތަކެއް ވާތީއެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި މުސްކާން ތައްޔާރުވިއެވެ. އަދި ކަރުކެހިލިއެވެ.
”ރިހާން!…. ރިހާން، އަހަންނަށް މަޢާފުކޮށްދީފާނަން!“ މުސްކާންގެ އަޑުގައިވަނީ ޖެހިލުންވުމެވެ. ލަދުވެތިކަމެވެ. އަޑުހުރީ ތުރުތުރު އަޅައަޅައެވެ.
”ކޮންކަމަކަށް!“ ރިހާން ކުރީ އަދި މާ އުދަނގޫ ސުވާލެކެވެ. މުސްކާން ހުރީ ރިހާން މިފަދަ ގޮތަކަށް ޖަވާބުދީފާނެ ކަމަކަށްނޫނެވެ.
”އަހަންނަށް ބުނެވުނުހާ އެއްޗިއްސަށް! އަސްލު ވެސް ކުރިއަކުން ނޭނގެ!“ މުސްކާންއަށް މިހާރު ވާހަކަ ދައްކަން ތަންކޮޅެއް ފަސޭހަވިއެެވެ.
”މުސްކާން ދެއްކީ ހުސް ތެދުވާހަކަ ނު! އަހަންނަކަށް ނުފެނޭނު! އަހަންނަކީ ފެނުމުން މަހުރޫމުވެފައިވާ މީހެންނު! ނުކުޅެދޭ މީހެއް! ދެންކޮބާ މީގަ މަޢާފަށް އެދެން ޖެހޭ ކަމަކީ!“ ރިހާން ހާމަކުރީ ހަގީގަތެވެ. އެހެންނަމަވެސް ރިހާން އެ ހާމަ ކުރި ކޮންމެ ހަގީގަތަކުން މުސްކާންއަށް ކުރި އަސަރެއް ނެތެވެ. އަސަރު ކުރީ އެ ވާހަކަތައް ދެއްކި މީހާގެ އަޑުގައި ހުރި އަސަރަކުންނެވެ.
ދެމީހުންގެ ވާހަކަ ހުއްޓާލާ ހަމަހިމޭންވާން ޖެހުނީ އައިންތު އެ ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށެވެ.
އައިންތުމެނާ އެކު އެކީގައި ޖެހިގެން ހުރި ކޮޓަރިން ހައިދަރު ވެސް ނިކުމެއްޖެއެވެ.
”ހައި! މުސްކާން! މިހާރު ޑަޔަޓް ތަ!“ މެންދުރު ކާމޭޒުދޮށުން ނުފެނުމުން ހައިދަރު މުސްކާންއާ ދިމާކޮށްލިއެވެ. އެހެންދުވަސްދުވަހު ހައިދަރުގެ ވާހަކަތަކަށް ރައްދުދޭން ފޯރި ހުންނަ މުސްކާން އިނީ ހިމޭންވެފައެވެ. ކޮންމެވެސް ސަބަބަކާހެދި ވާހަކަދައްކަން ފަސްޖެހެވުނެވެ. އެހެންކަމުން ކުރުގޮތަކަށް ޖަވާބުދީފައި ހުއްޓައިލިއެވެ. އެހެންނަމަވެސް ހައިދަރު ބޭނުންވީ މުސްކާންއާ ވީހާވެސް ގިނަ ވާހަކަ ދެއްކުމަށެވެ.
”ޗުއްޓީ ވާކަށް ނޫޅޭތަ! ތި ރަށަށް ދާން މި ވިސްނަނީ!“ ހައިދަރު ބޭނުންވީ މުސްކާންއަށް އޭނާ މުސްކާންގެ ރަށަށް ދާހިތްވާކަން އެނގުމެވެ. އެހެންނަމަވެސް މުސްކާން ދިނީ ފިނި ޖަވާބެކެވެ.
”މަންމާ، މިއަދު އިރު އެރީ ކޮންފަރާތަކުންތަ!“ މުސްކާންގެ ވާހަކަ ހުރި ގޮތުން ހައިދަރު ސުވާލުކުރީ އޭނަގެ މަންމައާއެވެ. ހައިދަރުގެ ސުވާލު އަޑު އިވުމުން އައިންތުއަށް ބަލައިލެވުނީ ފާރޫގުގެ މޫނަށެވެ. އަދި ހޭންފެށުމުން ހައިދަރު ވެސް ހަމަހިމޭން ވިއެވެ. އެތާގައި ރިހާން އިންކަން ހަނދާންހުރި މީހަކުވެސް ނެތީބާއޭ މުސްކާންގެ ހިތަށް އެރިއެވެ. ލޮލުގެ ފެނުމުން މަހުރޫމްވުމަކީ ބާކީކޮށްލަން ޖެހޭ ކަމެއްހެއްޔެވެ! އެފަކީރުގެ އޮތީ ކޮން ކުށެއްހެއްޔެވެ! ހައިދަރަށް ބަލައިލުމަށްފަހު، މުސްކާންއަށް ފެނުނީ ހިނިތުންވެލައިގެން ވަރަށް ހަމަޖެހިގެން އިން ރިހާން އެކެވެ. ހީވާގޮތުން އޭނާ އެ އިނީ އެންމެން ދައްކާ ވާހަކަ އަޑުއަހައިގެންނެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ބައެއްކަން ބަދަލުވަމުން އަދި ބަދަލު ނުވެ އެއްގޮތަކަށްދާ ކަންކަމާ އެކު ދުނިޔޭގެ ކަލަންޑަރުން ގަނޑުތައް އުކެމުން ދެއެވެ. މުސްކާންގެ ކޯހުގެ ވެސް އެއް އަހަރު ނިމި ދެވަނަ އަހަރަކަށް ފެށުމުގެ ކުރިން ޗުއްޓީ ލިބުނެވެ. މުސްކާން ބޭނުންވީ ރަށަށް ދިއުމަށެވެ. އެހެންނަމަވެސް ބައްޕަ ގޮވައިގެން އިންޑިއާއަށް ދާން ނިންމާފައިވާ ވާހަކަ މަންމަ ބުނުމުން މުސްކާން ޖެހުނީ މަންމަމެން އަންނަން ދެން މާލޭގައި މަޑުކުރާށެވެ. މަންމަމެން ދަތުރު ރޭވީ ބައްޕަގެ ކޮއްކޮއާ އެކު އިންޑިއާއަށް ދާންކަމަށާ އެހެންނަމަވެސް އޭނާ ފިހާރާގައި ބައިންދާފައި މުސްކާން ގޮވައިގެން ދާން ނިންމީ ކަމަށް މަންމަ މުސްކާން ގާތު ބުންޏެވެ. އަދި ރަށަށްދާން ކިތަންމެ ބޭނުންވިޔަސް ބައްޕަގެ ބަލިހާލަތަށްޓަކައި މުސްކާން މާލޭގައި މަޑުކުރީއެވެ.
އައިންތު ގާތު މުސްކާން އެ ވާހަކަ ދެއްކީ އެއްދުވަހެއްގެ ހެނދުނު ސައި ތައްޔާރުކުރަން މޭޒުދޮށުގައި ހުރެއެވެ. އެ އަޑު ކޮޓަރީގައި ތިބެގެން އެހި ދެމީހަކު ތިއްބެވެ. އެކަކު އުފާވީ މުސްކާން މާލޭގައި މަޑުކުރާ އެ ދެތިން ދުވަހުވެސް މުސްކާންގެ އަޑު އިވޭނެތީއެވެ. އަނެކަކުގެ ހިތުގައި ހިނގައިލީ އަދި މާ ތަފާތު ޚިޔާލެކެވެ. އޭނާ އޭނާގެ އެ ނިންމުން ކާމިޔާބުކުރާނެއެވެ.
އެހެންދުވަސްތަކެކޭ އެއްފަދައިން އެދުވަސް ވެސް ނިމި ރޭގަނޑަށް ތަންދީފިއެވެ. ރޭގަނޑުގެ ކެއުމަށް އެންމެން ވެސް އައިސް އިށީނީ ހަމަ އެހެން ރޭރޭވެސް އަންނަ އުސޫލުން އަންނަ ތަރުތީބުންނެވެ. ފުރަތަމަ މުސްކާން އައިސް ކާން ހަދަން ފެށުމުން އެ އަޑު އިވިގެން އައިންތު ނުކުތެވެ. މުސްކާންއާ ދެމީހުންވެގެން މޭޒުމަތި ތައްޔާރު ކުރިއެވެ. އަދި ފާރޫގުއަށް ގޮވުމުން ކާންނިކުންނަމުން ހައިދަރުގެ ދޮރުގައި ޓަކި ޖަހައިލިއެވެ. މޭޒުމަތި ތައްޔާރުވުމުން އައިންތު ގޮސް ރިހާންއަށް ގޮވައިލިއެވެ.
ކެމުގެ ވަގުތު އަބަދުވެސް އެކި ކަހަލަ ވާހަކަ އެ މޭޒުދޮށުގައި ދެކެވެއެވެ. ގިނައިން ވާހަކަ ދައްކާނީ އައިންތުއާ ހައިދަރާ ދެމައިންނެވެ. ހަބީބުވެސް ބައެއް މައުޟޫއުގެ ގޮތުން ބައިވެރިވާނެއެވެ. އަދި މުސްކާން ވެސް މެ އެވެ. އަޑުއަހަން އިންނާނީ ރިހާން އެވެ. ރިހާންގެ އަޑު އިވޭނީ ވަރަށް މަދު ފަހަރަކުއެވެ. އަމުދުން މުސްކާން އެގެއަށް އައި ފަހުން ރިހާންގެ ވާހަކަ ދެއްކުން މާ މަދުވެއްޖެއެވެ.
”ބައްޕާ! ހިނގާބަލަ ރާއްޖެއިން ބޭަރަށް ގޮސްލަން.“ ކުއްލިއަކަށް ހައިދަރު ބުނި އެއްޗަކުން ރިހާން ކޮށިއެރިއެވެ. އެހެންނަމަވެސް އެކަން ބޮޑުކަމަކަށް ވި މީހަކު އެތާކު ނެތެވެ. މުސްކާން ފިޔަވައެވެ. މުސްކާން މަޑުމަޑުން ފެންތަށި ރިހާން ގާތަށް ޖައްސާލާ ރިހާންގެ އަތް ޖެހޭ ހިސާބުގައި ފެންތަށި ބެހެއްޓިއެވެ.
”ފެން!“ މަޑުމަޑުން މުސްކާން ބުންޏެވެ. ރިހާން ފެންތަށިނަގާ ތުނބުގައި ޖައްސައިލިއެވެ.
”އެ ކީއްކުރަން!“ ހައިދަރުގެ ވާހަކައިން އައިންތުއަށް ލިބުނީ ހައިރާން ކަމެކެވެ.
”ބައްޕަގެ ބައެއް ޗެކަޕްސް ހަދާލަން އަހަރެން ބޭނުން! އަދިވެސް މުޅިއަކުން ރަނގަޅެއް ނޫނެންނު!“ އައިންތު ހިމޭންވިއެވެ. އަދި ފާރޫގުގެ ޖަވާބެއްގެ އިންތިޒާރުގައި އިނެވެ.
”ތީ ރަނގަޅު ޚިޔާލެއްހެން ބައްޕައަށްވެސް ހީވަނީ! މާހައުލު ބަދަލުވީމަވެސް ތަންކޮޅެއް ހިތްހަމަ ޖެހޭނެ ދޯ!“ ފާރޫގު ވެސް ރާއްޖެއިން ބޭަރަށް ދިއުމަށް އާނބަސް ބުނީއެވެ.
”އެހެންވީމަ ދަތުރު ރާވަންވީ ދޯ!“ ހައިދަރު އިނީ އެތެރެ އެތެރެއިން ހީނލަ ހީނލައެވެ. އޭނާގެ ޕްލޭން ކާމިޔާބު ވީމައެވެ.
ހައިދަރުގެ ވާހަކައަކާ އެވަގުތު މުސްކާން ނުވެސް ވިސްނައެވެ. އެހެންނަމަވެސް އެ ވާހަކައަށް ވިސްނަން މަޖުބޫރުވީ އައިންތު ގޮސް މުސްކާންމެން އިންޑިޔާއަށްދާ ތާރީޚާ ދާތަނަކާ ތިބޭ ހޮޓަލަކާ ބެހޭގޮތުން ވާހަކަ ދައްކަން ފެށުމުންނެވެ. ވަގުތުން މުސްކާންގެ ބޮލުގައި ރިއްސައިލިއެވެ. ކުރިން ހައިދަރު އުޅޭ ގޮތަކުން، ދަައްކާ ވާހަކައަކުން މުސްކާން އަކަށް އެއްވެސް އުދަނގުލެއް ނުވެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް ހައިދަރުގެ ވާހަކަ ހުންނަ ގޮތާ މުސްކާންއަށް ބަލާލާ ގޮތުން މުސްކާން ހުންނަނީ އުދަނގޫވެފައެވެ. ހައިދަރުގެ ހިތުގައިވާ އެއްޗެއް މުސްކާން އަކަށް ނޭނގެއެވެ.
”ކޮޗިންގއަށް! މަންމަ ބުނި މިމަހު ފަންސަވީހުގަ އެކޮޅަށް ދާން ޓިކެޓްނަގާފައޭ އޮތީ. އަދި ނޭނގެ ތިބޭނެ ހޮޓަލެއް ބުނާކަށް!“ ތަފުސީލް ދޭން ބޭނުން ނުވިއަސް މުސްކާން ވާހަކަދެއްކީ ފޮރުވުމެއް ނެތިއެވެ.
އައިންތު އެހެންހެއްޔޭ ބުނެ ބޯޖަހައިލަމުން ނިކުންނަން ހިނގައިގަތެވެ.
”ދައްތަ ވެސް އިންޑިއާއަށް ދަންތަ!“ މުސްކާން ކުރި ސުވާލު އަޑު އިވުމުން އައިންތު މަޑުކޮށްލިއެވެ.
”ދައްތައަކަށް ނުދެވޭނެނު ރިހާން ބަހައްޓާފަކައެއް.!“ އައިންތު މަޑުމޮޅި އަޑަކުން ވާހަކަ ދެއްކިއެވެ. އައިންތުގެ ވާހަކައިގެ ރާގު ހުރިގޮތުން މުސްކާންއަށް ޝައުގުވެރިވެވުނެވެ.