ޤަޠަރު ވޯލްޑް ކަޕް 2022ގައި ޕޯޗުގަލްއާއި މޮރޮކޯ ވާދަކުރި މެޗުން މޮރޮކޯ މޮޅުވެ ސެމީ ފައިނަލުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ގައުމަކަށް މޮރޮކޯ ވުމުން ޓީމުގެ މުހިއްމު ކުޅުންތެރިއެއްކަމުގައިވާ ސުފިޔާން ބޫފާލް މެޗު ކުޅުނު ދަނޑުގައި އޭނާގެ މަންމައާއެކު ނަށައި އުފާ ފައުޅުކޮށްފިއެވެ.
ސުފިޔާންގެ އިތުރަށް މޮރޮކޯގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށް ދަނޑުގައި ފޯރީނަގާފައެވެ.

ނޫސްވެރިއެއްކަމުގައިވާ އިޙްތިޝާމުލްޙައްޤު ބުނިގޮތުގައި މޮޅަކަށްފަހު ސުފިޔާންގެ ދެމައިން އުފާފާޅުކުރަން ކުރިކަންތައްތައް އެހެން އެއްވެސް ބަޔަކަށް ހުއްޓުވައި ބައްޔެއް ނުކުރެވޭނެއެވެ.
ބައެއް މީހުން ގަބޫލުކުރާގޮތުގައި ޕޯޗުގަލްއަތުން މޮރޮކޯ މޮޅުވި ހަނދާން ދިރިހުރިހާ ހިނދަކު ނައްތައެއް ނުލެވޭނެއެވެ.
މޮރޮކޯ ޓީމުގެ ދިފާއީ ކުޅުންތެރިޔާ އަޝްރަފް ޙަކީމީ ވެސް ވަނީ ސްޕޭން ބަލިކުރި މެޗަށްފަހު އޭނާގެ މަންމައާ ބައްދަލުކޮށް ސަލާންކޮށް އުފާ ފާޅުކޮށްފައެވެ. އަދި މަންމަގެ ގައިގައި ބައްދައި ބޮސްދީފައެވެ.

މޮރޮކޯއާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ 42 މިނެޓާހަމައަށް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.
މޮރޮކޯ ޓީމުން ލަނޑު ޖެހީ ފުރަތަމަ ހާފުގެ 42 ވަނަ މިނިޓުގައި ޔޫސުފުއްނަޞްރީއެވެ. ގޯލްކުރިމައްޗަށް ހުރަސްކުރި ބޯޅަ ހިފަން ޕޯޗުގަލްގެ ކީޕަރު މަސައްކަތްކުރިއެވެ. ނަމަވެސް ކީޕަރަށް ފުރުސަތެއް ނުދީ ޔޫސުފުއްނަސްރީ ވަރަށް މައްޗަށް ފުންމައިގެން އަރައި އެބޯޅައިގައި ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލިއެވެ.
މެޗު ނިމެން ދަނިކޮށް މޮރޮކޯގެ ކުޅުންތެރިއަކަށް ރެފްރީ ދެވަނަ ރީނދޫ ކަޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވައިލުމުން މޮރޮކޯއަށް މެޗު ނިންމައިލަން ޖެހުނީ 10 ކުޅުންތެރިންނާ އެކުގައެވެ. ހަގީގަތުގައި އެއީ ދެވަނަ ރީނދޫ ކާޑެއް ދައްކަން ޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ.
ސެމީ ފައިނަލްގައި މޮރޮކޯ ބައްދަލުކުރަންޖެހޭނީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ފްރާންސާއެވެ.
ޕޯޗުގަލްގެ މައްޗަށް މޮރޮކޯ ހޯދި މަތިވެރި ކާމިޔާބީއާ ގުޅިގެން، މޮރޮކޯގެ އެކި ރަށްރަށުގެ މަގުތަކަށް މީހުން ނިކުމެ ވަނީ އުފައު ފާޅުކޮށްފައެވެ. އެންމެ ގިނަ ބަޔަކު ނިކުތީ ވެރިރަށް ރަބާޠުގެ މަގުތަކަށެވެ.

މޮރޮކޯ މޮޅުވުމުން ފަލަސްތީނުގެ އެކި ސަރަހައްދުތަކާއި ރިފިއުޖީ ކޭމްޕްތަކުގައި ވެސް ދެ ޖިންސްގެ މުސްކުޅިންނާއި ޒުވާނުންނާއި ކުޑަކުދީން ވަނީ މަގުތަކަށް ނިކުމެ އުފާ ފާޅުކޮށްފައެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އުފާކުރަމުންދިޔައީ ތަދާއި ވޭނާއި އިޒުރޭލު ސިފައިންގެ އަނިޔާގައި ދިރިއުޅެމުންދާ އެ މީހުންނަށް ބޮޑު ފަތަހައެއް ލިބުނުފަދަ ގޮތަކަށެވެ.
މޮރޮކޯގެ ކުޅުންތެރިން މެޗުން މޮޅުވުމުން ކުރާ ޝުކުރުގެ ސަޖިދައިގެ ސަބަބުން ވަރަށް ގިނަ ބަޔަކު އުފަލުން ފެންކަޅިވެގެން ދިޔައެވެ.