ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި އިންގްލޭންޑް ބައްދަލުކުރާ މެޗަކީ ކްއާޓަރ ފައިނަލްގެ ފަހު މެޗް ކަމަށް ވިޔަސް އެ މެޗު ވަރަށް ގިނަ ބަޔަކު ސިފަ ކުރަނީ ފައިނަލް މެޗެއްގެ ގޮތުގައެވެ. އެއީ ދެ ޓީމުގެ ކުޅުމާއި ކުޅުންތެރިންނަށް ބަލާއިރު މުބާރާތުގެ އެންމެ ފެންވަރު ރަނގަޅު ދެ ޓީމުކަމަށް ވާތީއެވެ.
ދެ ޓީމުން ވެސް ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިން ފެނިގެން ދާއިރު މިރޭ އެންމެ ބޮޑަށް ލޮލުގައި އަޅައިގަންނާނީ ފްރާންސްގެ ކައިލިއަން އެމްބާޕޭއެވެ. ޕީއެސްޖީގެ އަގު ބޮޑު ފޯވާޑަކީ ވޯލްޑް ކަޕްގައި ފްރާންސް ޓީމުން އެންމެ ބޮޑު ތަފާތެއް ދައްކަމުންދާ ކުޅުންތެރިޔާއެވެ. ފްރާންސް ޓީމު ހޯދަމުންދާ ކާމިޔާބީގައި އޭނާގެ ހިއްސާ ބޮޑެވެ. ލަނޑު ޖަހައި ޓީމަށް ލަނޑު ޖެހުމަށް އެހީތެރިވެދީފައި ވެއެވެ. އޭނާއަކީ 2018ގެ ވޯލްޑް ކަޕްގެ އެންމެ ޒުވާން އުއްމީދީ ކުޅުންތެރިޔާއެވެ. އަދި މި އަހަރު ވެސް ފްރާންސްގެ އުއްމީދުތައް އެންމެ ބޮޑަށް ގުޅިފައިވަނީ އެމްބާޕޭއާއެވެ. އޭނާ ވަނީ މުބާރާތުގައި އެންމެ ގިނަ ލަނޑުވެސް ޖަހާފައެވެ.
ފްރާންސް ވަނީ 1998ގައި 2018ގައި ވޯލްޑް ކަޕް ހޯދާފައެވެ. ޓީމުގެ ކޯޗު ޑީޑީއޭ ޑިޝޭމްޕްސް، ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ވެސް އޭނާ ވަނީ ފްރާންސަށް ޗެމްޕިއަންކަން ހޯދައިދީފައެވެ. އަދި މި މުބާރާތަށް ފަހު މަގާމުން އިސްތިއުފާދޭނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެ މަގާމަށް ޒައިނުއްދީން ޒިދާން ހުރީ ފެންބޮވައިގެންފައެވެ. އެއީ ފްރާންސަށް ވޯލްޑް ކަޕް ހޯދައި ދިނުމުގެ އިތުރަށް ރިއަލް މެޑްރިޑަށް ގިނަގުނަ ކާމިޔާބީތައް ހޯދައިދީފައިވާ މޮޅު ކޯޗެކެވެ.
އުމުރުން 23 އަހަރުގެ އެމްބާޕޭއަކީ ޓީމުގެ ވައަތްފަޅިން ބޯޅައާއެކު ބާރަށް ދުވާ ކުޅުންތެރިއެކެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ދަނޑުމަތީގައި އެންމެ ބާރަށް ދުވެފައި ވަނީ އެމްބާޕޭއެވެ. ދެން އެކަންކޮށްފައި ވަނީ އޭނާގެ ޓީމުގެ ކަނައަތު ބޭރަށް ކުޅޭ އުސްމަނޭ ޑެމްބެލޭއެވެ. ފްރާންސްގެ އެންމެ ކުރިއަށް ކުޅޭ ޖިރޫއަކީ ބާރަށް ދުވާ ކުޅުންތެރިއެއްނޫނެވެ. ނަމަވެސް ބޮލުން ޖެހުމުގައި އޭނާއަކީ ލާމަސީލު މިސާލެކެވެ.
ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ބޯޅައާއެކު ދުވުނުގޮތަށް ދުވާނެ ފުރުސަތު އިންގްލޭންޑާ ވާދަކުރާ މެޗުގައި ލިބޭނޭކަމަށް ގިނަ ބަޔަކު ނުދެކެއެވެ. އެއީ އިންގްލޭންޑް ޓީމުގެ ކަނައަތަށް ކުޅޭ ދިފާއީ ކުޅުންތެރިޔާ ކައިލް ވޯކާ އަކީ ވެސް ބާރަށް ދުވެ ވަރުގަދައަށް ކުޅޭ ކުޅުންތެރިއަކަށް ވާތީއެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގައި އިންގްލެންޑަށް ހައްލުކުރަން ޖެހޭނެ އެންމެ ބޮޑު މައްސަލައަކަށް ވެގެންދާނީ އެމްބާޕޭ ހުއްޓުވުމެވެ.

އިންގްލޭންޑުގެ ކައިލް ވޯކާއަކީ ދިފާއީ ކުޅުންތެރިންގެ ތެރެއިން އެންމެ ހަރަކާތް އަވަސް ދުވެލި ބާރު އެއް ކުޅުންތެރިއާއެވެ. އެމްބާޕޭއަށް ކުރިމަތިވާނެ އެންމެ ބޮޑު ހުރަހަކަށް ވާނީ ވޯކާއެވެ.
”އޭނާއަކީ ވަރަށް ހުނަރުވެރި މީހެއް.“ ވޯކާއާ ބެހޭ ގޮތުން މެންޗެސްޓާރ ސިޓީގެ ފިޒިއޮތެރަޕީގެ އިސް ވެރިޔާ ޖޭމްސް ބޯލްޑްވިން ބުނެފައިވެއެވެ. ”އޭނާގެ ސްޕީޑަކީ އޭނާގެ އެންމެ ބޮޑު އެއް އެސެޓް.“
ވޯކާ ބުނި ގޮތުގައި އޭނާ ކުރަންޖެހޭ ކަންތައް އޭނާއަށް ވިސްނެއެވެ.
”އެއީ އޭނާ (އެމްބާޕޭ) ހުއްޓުވުން.“ އޭނާ ބުންޏެވެ. ”އެއީ ދުނިޔޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ.“
އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓަށް އޮތް އެއް ގޮތަކީ ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގައި ދިފާއީ ފަސް ކުޅުންތެރިން ނެރުމެވެ.

އިންގްލޭންޑް ޓީމުގެ މައިބަދައަކީ ބޮރޫޝިއާ ޑޯޓްމަންޑްގެ ތަރި ޖޫޑް ބެލިންހަމްއެވެ. ވޯލްޑް ކަޕަށްފަހު ބޮޑު ކްލަބަކަށް ބަދަލުވާނެކަން ޔަގީން ބެލިންހަމްގެ އެހީތެރިކަން ކުރިއަށް ކުޅޭ ކުޅުންތެރިންނަށް މިހާތަނަށް ލިބިފައިވެއެވެ. ނަމަވެސް މިއަހަރުގެ ވޯލްޑް ކަޕްގައި ހެރީކޭންއާއި ރަހީމް ސްޓާލިންގެ ތޫނިފިލިކަން އެންމެ އެކަށީގެންވާ ގޮތަކަށް ނުފެނެއެވެ.
އިންގްލޭންޑަށް ވޯލްޑް ކަޕް ލިބިފައި ވަނީ ހަމައެކަނި 1966ގައެވެ. އޭގެ ފަހުން އިންގްލޭންޑަކީ ބޮޑު މުބާރާތެއްގެ ތަށީގައި ވެސް އަތްލެވުނު ގައުމެއް ނޫނެވެ. އެކަން ކުރަން ކުރިއަށް ފިޔަވަޅު އަޅަން ބޭނުންނަމަ އިންގްލޭންޑަށް ޖެހޭނީ މިރޭނީ ފްރާންސް ބަލިކުރާށެވެ.