ޤަޠަރު ވޯލްޑް ކަޕް 2022ގައި ސްޕޭނާއި މޮރޮކޯ ވާދަކުރި މެޗު ނިމުމުން މުޅި ދުނިޔެއަށް ހާމަވެގެން ދިޔައީ މޮރޮކޯގެ ކުޅުންތެރިއެއްކަމުގައިވާ އަޝްރަފް ޙަކީމީ އޭނާގެ މަންމަ ދެކެވާ ލޯބީގެ މަންޒަރެވެ.
ޙަކީމީ މެޗަށް ފަހު އޭނާގެ މަންމައާ ބައްދަލުކުރެއެވެ. މަންމަގެ ގައިގައި ބައްދާލައެވެ. އަދި މަންމައަށް ބޮސްދެއެވެ. މިއީ މެޗަށްފަހު އާންމުކޮށް ހާމަވާ ބާވަތުގެ ފޮޓޯތަކެއް ނޫނެވެ. ފެންނަ މަންޒަރުތަކެއް ނޫނެވެ.
މޮރޮކޯއިން ވަނީ ފުޓްބޯޅައިގައި ރީތިނަން ލިބިފައިވާ ސްޕޭން ބަލިކޮށް މުޅި ދުނިޔެއަށް ބޮޑު ހައިރާންކަމެއް ގެނެސްފައެވެ. އެ މެޗުން މޮޅުވުމުން މޮރޮކޯއަށް ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްއާޓަރ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ލިބުނެވެ. އެއީ މޮރޮކޯއަށް ލިބުނު ތާރީޚީ ކާމިޔާބީއެކެވެ.
މޮރޮކޯއަށް ލިބުނު ފަޚުރުވެރި މޮޅަށް ފަހު ޙަކީމީ ދަނޑުން ފައިގެން ގޮސް އެންމެ ފުރަތަމަ ބައްދަލު ކުރި މީހުންގެތެރޭގައި ހިމެނެނީ ކުޅިބަލަން ވަދެއިން އޭނާގެ މަންމައެވެ.
ޙަކީމީ ވަނީ ނޮވެމްބަރު 27 ވަނަ ދުވަހުގައި އޭނާގެ މަންމަ ދެކެ ލޯބިވާކަމަށް ބުނެ ފޮޓޯއެއް ޓްވީޓްކޮށްފައެވެ. އޭގައި ލިޔެފައި ވަނީ އޭނާގެ މަންމަ ދެކެ ލޯބިވާ ވާހަކައެވެ.
އަޝްރަފް ޙަކީމީ ބުނި ގޮތުގައި އޭނާގެ މަންމަ ވަނީ އޭނާއަށް ޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައެވެ. އޭނާއަށް ޓަކައި އޭނާގެ މަންމަ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މޮރޮކޯ ކްއާޓަރ ފައިނަލަށް ދަތުރުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އަދި އިތުރު ވަގުތުގެ ކުޅުމުގައި ވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުނެވެ. މޮރޮކޯ މޮޅުވީ ޖެހި 4 ޕެނަލްޓީގެތެރެއިން 3 ޕެނެލްޓީ ކާމިޔާބުކޮށްގެންނެވެ. ސްޕޭނަށް އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.

މޮރޮކޯ މޮޅުވުމުން ކުޅުންތެރިން ސަޖިދަ ކުރި މަންޒަރާއި ފަލަސްޠީނުގެ ދިދަ ހޫރަމުންދިޔަ މަންޒަރާއި ޙަކީމީ އޭނާގެ މަންމައަށް ބޮސްދިން މަންޒަރު މީސްމީޑިއާގައި ފެތުރިގެންދިޔައީ ވަރަށް އަސަރުގަދަ ގޮތެއްގައެވެ.