ބޮލީވުޑްގެ މަޝްޙޫރު ނެށުންތެރިޔާ މަލައިކާ އަރޯރާ ކުރިއަށް ގެންދާ ޝޯ އަށް ތަރުހީބެއް ނުލިބުނެވެ.
އެގޮތުން އޭނާ ހޯސްޓް ކޮށް ކުރިއަށް ގެންދާ ރިއަލިޓީ ޝޯ ’މޫވިންގ އިން ވިތު މަލައިކާ‘ ރިލީޒް ކޮށްފައިވަނީ އިއްޔެއެވެ. މި ޝޯ އާއްމުންއަށް ފެންނަހެން ރިލީޒްކުރުމާއި އެކު އާއްމުންގެ ގިނަ ބަޔަކު އަންނަނީ މަލައިކާއަށް ފާޑު ކިޔަމުންނެވެ.
މި ޝޯގައި މަލައިކާ ދައްކަނީ އަސްލު މަލައިކާގެ ގޮތުގައި ނޫން ކަމަށާއި މިވެސް ސްކްރިޕްޓް އަކާއެކު ކުޅެފައިވާ ސީރީޒްއެއް ކަމަށް ވެސް އާއްމުން ދަނީ ބުނަމުންނެވެ. އެގޮތުން މި ޝޯގެ ފުރަތަމަ އެޕިސޯޑުގައި އޭނާ ކިޔައިދީފައިވަނީ އޭނާ އަކީ ފިލްމީ ތަރިންގެ ތެރެއިން ވެސް ގިނަ ބައެއްގެ ނުރުހުން އަބަދުވެސް ލިބޭ ތަރިއެއް ކަމެވެ.
މި ޝޯ އަކީ މަލައިކާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ގެނެސްދީ އޭނާ ސްކްރީނުން ބޭރުގައި އުޅޭ ގޮތް ދައްކުވައިދޭ ޝޯ އެކެވެ.