ވޯލްޑް ކަޕް އެއްފަހަރު ހޯދާފައިވާ ސްޕޭނާ ދެކޮޅަށް މޮރޮކޯ މިރޭ ނިކުންނަ މެޗުން އެއްވެސް އުނދަގުލެއްނެތި ސްޕޭން މޮޅުވާނެކަމަށް ގިނަ ބަޔަކު ވަނީ ލަފާކޮށްފައެވެ. ނަމަވެސް މޮރޮކޯ ގަދަ 16އަށް ދަތުރުކޮށްފައި ވަނީ ގްރޫޕް ސްޓޭޖުގައި ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދިން ކުޅުމަކަށް ފަހުގައެވެ.
ސްޕޭނާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ކުޅުން ފަށާނީ މިރޭ 8.00ގައެވެ.
މިރޭ 12.00ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްއާއި ސްވިޒަލޭންޑެވެ.
ޕޯޗުގަލް އާއި ސްވިޒަލޭންޑުން މި އަހަރު ނޭޝަންސް ލީގުގައި ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، ކޮންމެ ގައުމެއް ވެސް ވަނީ އެއް މެޗުން މޮޅުވެފައެވެ.
ދުނިޔޭގެ ނުވަ ވަނައިގައި އޮތް ޕޯޗުގަލް ޖޫން މަހުގެ ކުރީކޮޅު 4-0 އިން ސްވިޒަލެންޑް އަތުން މޮޅުވި އެވެ. އެކަމަކު އޭގެ ހަމަ އެންމެ ހަފްތާއެއްހާ ދުވަސް ފަހުން ފުރަތަމަ މިނެޓުގައި ސްވިޒަލެންޑުން ލަނޑެއް ޖަހައި ކުރި ހޯދި މެޗުގައި ޕޯޗުގަލްގެ ހަމަލާތަކުން ސްވިޒަލޭންޑް ސަލާމަތްވީ ދިފާއީ ކުޅުން ވަރަށް މޮޅަށް ރާވައިގެން އަޒުމް ވަރުގަދަކޮށް ކުޅެގެންނެވެ.
ވޯލްޑް ކަޕްގެ އެންމެ ގަދަ 16 ޓީމުގެ ބުރަށް ޕޯޗުގަލް މޮޅު ޓީމެއްގެ ގޮތުގައި ނުކުންނައިރު، ސްވިޒަލޭންޑަކީ ވެސް ޕޯޗުގަލްސްއަށް އިންޒާރުދީ ނުރައްކައު ކުރުމުގެ ގާބިލުކަން ލިބިފައިވާ ވަރުގެ ޓީމެއްކަން ހަނދާން ބަހައްޓަން ޖެހެއެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯއަކީ އަދިވެސް ގޯލް ޖެހުމުގެ ބޮޑު ނުރައްކަލަކަށް ވާއިރު، އުރުގުއޭ ކޮޅަށް ދެ ލަނޑު ޖެހި މެންޗެސްޓާ ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭސް އެވެ. ޖޯއާއޯ ފެލިކްސްއަށް އެތުލެޓިކޯ މެޑްރިޑުން 2019 ވަނަ އަހަރު 132 މިލިއަން ޑޮލަރު ދީގެން ގެންދިޔައީ މެދުކެނޑުމެއްނެތި މޮޅުކުޅުމެއް ދައްކަމުންދާތީއެވެ. އެ 3 ކުޅުންތެރިން ޕޯޗުގަލް ޓީމުގައި މިރޭ ވެސް އެބަ ތިއްބެވެ.

ސްވިޒަލޭންޑު ޓީމުގައި ބޮޑާ ހާކާވަރުގެ ދުނިޔެއަށް ނަން މަޝްހޫރު ލަނޑު ޖަހާ ކުޅުންތެރިންނެއް ނެތެވެ. ޓީމުން ފާހަގަ ކުރެވޭ އެއް ކުޅުންތެރިއަކީ ކުރިން ލިވަޕޫލުގެ ކަނައަތު ބޭރަށް ކުޅުނު ޒެރްޑަން ޝަކީރީއެވެ. އެއީ ޓީމުގެ އެއް ދިރުމެވެ. އަދި ދެ ލަނޑު ޖަހާފައިވާ ފޯވާޑް ބްރީލް އެމްބޮލޯ ބަލާނީ އޭނާގެ ދުވެއްޔާއި ވަރުގަދަކަމުގެ ބޭނުންކޮށްގެން ޕޯޗުގަލްގެ ދެވަންފުރައިގެ ތަޖުރިބާ ކާރު ދިފާއީ ކުޅުންތެރިޔާ ޕެޕޭއަށް ޕްރެޝަރު ކުރުމަށެވެ. ޕެރިސް ސެއިންޓް ޖާމައިން ޓީމަށް ކުޅޭ ޑެނިލޯ ޕެރޭރާގެ ބަދަލުގައި ޕެޕޭއަށް ކުޅެން މަޖުބޫރުވެފައި ވަނީ ޕެރޭރާއަށް އަނިޔާ ވެފައިވާތީއެވެ.
ޕޯޗުގަލްއާއި ސްވިޒަލޭންޑް ޖުމްލަ ފަސް ފަހަރު ބައްދަލުކޮށްފައިވާއިރު، ޕޯޗުގަލް ވަނީ ތިން ފަހަރު މޮޅުވެފައެވެ. ސްވިޒަލެންޑަށް މޮޅު ވެވުނީ ދެ ފަހަރަށެވެ.
މިރޭގެ މެޗުން މޮޅުވާ ޓީމެއް ކްއާޓަރ ފައިނަލްގައި ބައްދަލު ކުރާނީ، މޮރޮކޯ އާއި ސްޕެއިންގެ މެޗުން މޮޅުވާ ޓީމަކާއެވެ.