ބުރާސްފަތި, މާރޗް 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ހަވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
ޑިސެމްބަރ 4, 2022
ވާހަކަ
3
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ހަވަނަ ބައި

ހެނދުނު ތެދުވި ގޮތަށް މުސްކާން އުޅުނީ ޑިއުޓީއަށް އޮފީހަށް ގަޑި ނުޖެހި ދިއުމަށް ތައްޔާރު ވުމަށެވެ. އޭގެ ކުރިން އެމީހުންގެ ހެނދުނުގެ ސައި ތައްޔާރުކުރަން މުސްކާން ޖެހޭނެއެވެ. ހޮޓަލުން އެއްޗެހިގަނެގެން ސައި ބުއިމުގެ އާދައެއް މުސްކާންގެ ނުހުރެއެވެ. އެހެންނޫނަސް ލާރިއަށް ވަރަށް ބަލައިގެން އުޅެން މުސްކާން ދަސްކޮށްފިއެވެ.

ގަޑިޖެހެން ފަސްވަރަކަށް މިނިޓަށް ވީއިރު މުސްކާން ހުރީ މަގުމަތީގައެވެ.

މުސްކާން މަސައްކަތްކުރާ ކުންފުނީގެ އޮފީސް ދޮރުން ކިރިޔާ ވަދެވުނިއެވެ. ފޯނު ރިންގްވާއަޑު އިވުމުން ފޯނަށް ސަމާލުކަން ދެވުނެވެ. ގުޅަނީ މަންމައެވެ. އަޅާނުލާ މުސްކާން ހިނގައިގަތީ ކުރިއަށެވެ. ކޮންމެވެސް ނުތަނަވަސްކަމެއް ހިތުގައި ހިނަގއިލުމުން ފޯނަށް މިވަގުތު ޖަވާބު ދޭހިތް ނުވަނީއެވެ. ފޯންގެ ރިންގް ކެނޑުނުތާ ދެތިން ސިކުންތު ވެސް ނުވާނެއެވެ. އަލުން ވެސް ރިންގވާން ފެށިއެވެ. ދެވަނަފަހަރުވެސް ގުޅަނީ މަންމައެވެ. މުސްކާން ވިސްނައިލިއެވެ. އަނެއްކާ ކަމެއް ގޯސްވީ ހެއްޔެވެ! އަނެއްކާ ބައްޕަ….. މުސްކާންއަށް ތެޅިގަނެވުނެވެ. އަވަހަށް ފޯނު ނަގަން ހަދައިގެން ފޯން ތަޅުންމައްޗަށް ވެއްޓިއްޖެއެވެ. ގުދުވެ ފޯނު ނަގާ ބަލާލަމުން މަންމަގެ ކޯލަށް ޖަވާބު ދިނެވެ.

”މަންމާ! ކީކޭ!“ މުސްކާންގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ.

”މަންމާ، ކީކޭ ހެއްޔޭ!“ މުސްކާންއަށް އިވުނީ މަންމަ ރޯން ފެށިއަޑެެވެ.

”މަންމާ!….“ މުސްކާންގެ އަޑު އައީ ހިނދިގެންނެވެ. ކަމެއްވީ ބައްޕައަށް ހެއްޔެވެ؟ ނުވަތަ އެހެންމީހަކަށް ހެއްޔެވެ؟ ވިސްނާގަންނަން މުސްކާންއަށް އުދަނގުލެވެ.

”މުސްކާން ނިކަން ވިސްނަބަލަ! އަހަރެމެން ދުނިޔޭގަ ތިބެގެން އުދަނގޫވެގެންތަ މުސްކާން ކިޔަވަންށޭ ކިޔާފަ ގޮސް މުޅި މާލެ ކުޑަ ތިކުރަނީ! ދުވަހަކު ތަނެއްގަ ދުވަހަކު ތަނެއްގަ… ތިގޮތަށް އުޅެންތަ މުސްކާން މާލެ ދިޔައީ! އަހަރެމެން ކިހާ ލަދެއްގަންނާނެ. މީނަގެ ސަބަބުން ހަބީބުގެ އަމިއްލަ ބައްޔަށްވުރެ މިހާރު އުފުލާ ތަކުލީފް މާބޮޑު“ މުސްކާންގެ މަންމަގެ ރުއިމުގެ އަޑު އަނެއްކާވެސް ބާރުވިއެވެ.

ބުނާނެ އެއްޗެއް ކުރާނެ ކަމެއް މުސްކާންއަކަށް ނޭނގުނެވެ.

”މަންމާ! ނަޒީރާއްތަ އަހަންނަށް ވަރަށް ހެޔޮ. އެކަމަކު އެ ފިޔަވަޅުއަޅަން އަހަންނަށް މަޖުބޫރުވީ!“ ހިތުގައި ޖެހިފައިވާ އަޑަކުން މުސްކާން ބުނަން ފެއްޓިއެވެ.

”ކިހިނެއް އަހަރެން ތިވާހަކަ ގަބޫލުކުރާނީ! ކޮން މަޖުބޫރެއް ވާކަށް! ތި ގެއިން ނިކުމެގެން ގޮސް މިހާރު ތި އުޅޭތާގަ އުޅޭކަށް މަންމަ ވެސް އަދި ބައްޕަވެސް ގަބޫލެއް ނޫން! ރަށަށް އާދޭ!“ މި ފަހަރު މަންމަގެ އަޑުގައިވަނީ އަމުރެވެ.

”ހަމަޖެހިލައިގެން މަންމައަށް އަހަރެން ގުޅާނަން. މިވަގުތު އޮފީހުގަ މިހިރީ…“ މުސްކާން ފޯނު ބޭއްވީއެވެ. އެކަމަކު އެހިސާބުން މުސްކާން އޮފީހުން ނިކުތީއެވެ.

އޮފީހުން ނިކުމެ މަގުމަތީ ދާނެ ވަކިކޮޅެއް ނުނިމި މުސްކާން އިރުކޮޅަކު ހުއްޓެވެ. ހަދާނެ ގޮތެއް ވިސްނާލަނީއެވެ. އެ ގޮތަށް ފޯނު ބޭއްވުމުން މަންމަ ދެރަވާނެ ވަރު ހިތަށް އެރުމުން މޭގައި ރިއްސައިލިއެވެ.

އެތާ މުސްކާން ހުރި ވަގުތުކޮޅު އެމަގުން ފަސްދީ ދިޔަ ކޮންމެ މީހަކު މުސްކާންއަށް ބަލާލައެވެ. އޭގެ ތެރެއިން ގިނަމީހުންނަކީ އޮފީސްތަކަށް ދިޔަ މީހުންނެވެ.

އެންމެ ފަހުން ލަސްފިޔަވަޅުތަކެއް އަޅަމުން މުސްކާން ހިނގައިގަތީ ހެންވޭރާ ވީ ކޮޅަށެވެ. އެ ދިޔަމަގުމަތީ މުސްކާން ބޭނުންވީ އޭނަގެ ދިރިއުޅުމުގެ ޗާޓް ވަކި ގޮތަކަށް ނިންމާ ކުލަޖައްސާށެވެ. މާލޭގައި ހުންނާނެ ތަނެކެވެ. ކިޔެވުން ކުރިޔަށް ގެންދާނެ ގޮތެކެވެ. އެއަށްފަހު ރަށަށް މަންމަމެން ކައިރިއަށް ގޮސް ބައްޕަގެ ވިޔަފާރި ކުރިއަށް ގެންދަން ހަވާލުވުމެވެ. އެ ޕްލޭނުގެ ބައެއް ބައިތަކަކީ ކުރިން ވެސް ރާވާ ކުލަ ޖައްސާފައިވާ ބައިތަކެކެވެ. އެހެންނަމަވެސް ޕްލޭން ފެށި ހިސާބުގައި އުޅެ އުޅެ ކުލަޖައްސާނެ ގޮތެއް އެ ޅަ ސިކުނޑިއަކަށް ނައެވެ.

ފުދޭވަރަކަށް ދުރަށް ދެވުނު ފަހުން މުސްކާންގެ ކަންފަތުގައި މުސްކާންގެ ނަމުން މީހަކު ގޮވައިލި އަޑު އިވިއްޖެއެވެ. މުސްކާންއަށް ހުރި ފިޔަވަޅުމަތީ ހުއްޓި ހުރެވުނެވެ. އަދި ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެއީ ހީވި ގޮތެއްތޯ ބެލުމަށެވެ. ނަސީބަކުން ދެވަނަ ފަހަރަކު އެމީހަކު ގޮވައިލީ މުސްކާންއަށް ވެސް އެމީހަކު ފެނުނު ވަގުތުއެވެ.

”ހައިދަރު… ހައިދަރު“ ހައިދަރު ފެނުމާއެކު މުސްކާންގެ އަޑު ފުރަތަަ ނިކުތީ ބޭއިޚުތިޔާރުގައެވެ. ދެވަނަފަހަރު ހައިދަރަށް ގޮވައިލީ ލިބުނު އުފަލަކުންނެވެ.

ސައިކަލް ޕާކްކޮށްލާފަ އެބަ އަންނަމޭ އަތުގެ އިޝާރަތުން ބުނަމުން ހައިދަރު ކުޑަކޮށް ކުރިއަށް ދުއްވައިލިއެވެ. މުސްކާން ހުރީ ދުވާރުމަތީ އެއްފަރާތަކަށް ޖެހިލާ ހައިދަރުގެ އިންތިޒާރުގައެވެ. ހައިދަރު ފެނުމުން މުސްކާންއަށް ހީވީ ދަންނަ ވަރަށްގާތް ފަރާތެއް ނުފެނި އެތައް ދުވަހެއް ވީފަހުން ފެނުނު ހެންނެވެ. އެހެންކަމުން ފިރިހެންގޮތަކަށް ފަޓުލޫނުގެ ޖީބަށް އެއް އަތް ޖަހާލައިގެން ހުރެ ހިނގާލާފައި އައި ހައިދަރުގެ ގައިން މުސްކާންގެ ނަޒަރު ވަކިކޮށެއް ނުލެވުނެވެ.

”ކޮންތާކު ތި އުޅެނީ؟ ކޮންއިރަކު މާލެ އައީ؟ ނުވެސް ބުނަމެންނު އައިސް އުޅޭ ވާހަކައެއް؟“ ހައިދަރުގެ ހިތުގައި އުފެދުނު ހުރިހާ ސުވާލެއް އެއްފަހަރާ ބޭރުކޮށްލެވުނީ މުސްކާން ފެނުމުން ލިބިފައި ހުރި އުފަލަކުންނެވެ.

”ބުނެބަލަ ތި ތަނުން ކޮން ސުވާލަކަށް ފުރަތަމަ އަހަރެން ޖަވާބު ދޭނީ؟ މެދު ސުވާލުންތަ ފަށަންވީ!“ މުސްކާންގެ ލާނެއްކަން ހުންނަވަރު ފުރަތަމަ ފަހަރަށް ހައިދަރަށް ފާހަގަ ކުރެވުނެވެ.

”ނޫނޭ ސީރިއަސް ކޮށްނޭ، ކޮންއިރަކު އައީ؟“ އަނެއްކާވެސް ހައިދަރު އެއް ސުވާލެއް ތަކުރާރު ކުރިއެވެ.

”މިހާރު ހައެއްކަ މަސްވަނީ މި!“ ހެމުން ހެމުން މުސްކާން ޖަވާބު ދިނުމުން ހައިދަރު ހުރީ ޔަގީން ކުރަން ނޭނގިފައެވެ.

”މިހާދުވަސްވީއިރު…. ނުވެސް ފެނި… އަޅެ މަންމައަށް އެނގޭތަ މުސްކާން މާލޭގައި އުޅޭކަމެއް!“

”ތިވާހަކައެއް ނޫނޭ، ގަޑި ނުޖެހޭތަ!“ މުސްކާން ހަނދާންކޮށްދޭން ބޭނުންވީ ހައިދަރު އެދަނީ އޮފީހަށްކަމެވެ. އަދި އެއަށްވުރެ ބޮޑަށް ބޭނުންވީ އެ ސުވާލުތަކުން ސަލާމަތްވުމެވެ.

”އޯހ! އެބުނާހެން، ދަނީ… ގުޅާތި!“ އަތް ހޫރާލާފައި ހައިދަރު އައިކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތެވެ. މުސްކާން ވެސް ގޮސްގޮސް ހުރިކޮޅަށް ހިނގައިގަތެވެ.

އޭގެ ގާތްގަނޑަކަށް ފަސްވަރަކަށް މިނިޓްފަހެވެ. މުސްކާން ގޮސް ހުއްޓުނީ ބައްޕައާ އެކު އެ ގެއެއްގައި މުސްކާން ތިން ދުވަސްވަރު ހޭދަކުރި އައިންތުމެންގެ ގޭގެ ކުރިމަތީގައެވެ. ހައިދަރާ ދިމާވުމުން ދެން އެންމެ ރަނގަޅުގޮތަކީ އެގެއަށް ދިޔުންކަމަށް މުސްކާން ނިންމިއެވެ. އެގަޑީގައި ގައިމުވެސް އައިންތު ގޭގައި އުޅޭނެއެވެ.

ދެވަނަ ފަންގިފިލާގެ ބެލް ޖަހާލުމަށްފަހު މުސްކާން މަޑުކޮށްލި އިރު އޭނަގެ ހިތް ނެގިނެގިފައި ޖެހެއެވެ. އައިންތުއަށް ދައްކާނީ ކޮންމޫނެއްހެއްްޔެވެ. މިހާދުވަސްވިއިރު ފޯނުން އެތައްފަހަރަކު ވާހަކަވެސް ދެކެވިފައި ވީއިރު ހުރީ މާލޭގައިކަން އެއްފަހަރުވެސް މުސްކާން ނުބުނެއވެ. އެހެން ހުއްޓާ ކުއްލިއަކަށް އައިންތުގެ ކުރިމައްޗަށް ހުންނާނެ ތަނެއް ނުލިބިގެން އައިސް ހުއްޓެން މުސްކާންއަށް ނިހާޔަތަށް އުދަނގުލެވެ. އެކަމަކުވެސް ޙާލަތު މިވަނީ މުސްކާން މިހިސާބަށް ގެނެސްފައެވެ.

ކުއްލިއަކަށް ގޭގެ ދޮރުހުޅުވިއްޖެއެވެ. ކުރިމަތިން ފެނުނު ރީތި ފިރިހެނާގެ ހަމައިސްކޮޅަށް މުސްކާން ބަލައިލިއެވެ. މިހާ ގާތުން ފެނުމުން ރިހާނގެ މޫނުގެ އަލިކަމާ މޫނުގެ ހިތްގައިމު ބައްޓަން ވަކިން ބޮޑަށް މުސްކާންގެ ހިތުގައި ކުރެހިގެން ދިޔައެވެ. ރިހާން އެހެރީ އޮފީހަށްދާން ތައްޔާރުވެގެންކަންނޭނގެއެވެ. ހެޔޮވަރު ވަރަކަށް ފަޅާފައިވާ ތުބުޅިވަނީ ރީތިކޮށް ކަހާ އޮމާން ކޮށްފައެވެ. އެ މޫނުގެ ފުރިހަމަކަމާ ފިރިހެންވަންތަކަން އިތުރުކޮށްދެނީ ލޮލުގައިވާ ކަޅުއައިނެވެ. މުސްކާން ރިހާންގެ ކުރިމަތީ ހުއްޓާ ވެސް ރިހާން އާދައިގެ މަތިން އަނގައިން ބުނެ ނުލާ އެނބުރި ހިނގައިގަތެވެ. އެ ހިނގައިގަތް ވަގުތު މުސްކާންގެ އަތުގައި ރިހާންގެ އަތުންޖެހި މުސްކާންގެ އަތުގައި އޮތް ފޯނު ވެއްޓުނީ މުސްކާންގެ ފައި ކައިރިއަށެވެ. ގުދުވެ ފޯނުނަގައިގެން ބަލައިލިއރު ރިހާން ކޮޓަރިއަށް ވަންނަނީއެވެ. އޭރު ރިހާންގެ އެއް އަތުން ފާރުގައި އަތްޖައްސާލައިގެން އަނެއްް އަތުން ކޮޓަރީގެ ތަޅުގައި ހިފާލަނީއެވެ.

”ކޮބާ މަންމަ!“ މުސްކާންއާ އަނގައިން ބުނެނުލާ ރިހާން ދިޔުމުން މުސްކާން ހުރީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިަފއެވެ. އެހެންވިޔަސް މުސްކާންގެ އަޑު އިވުމުން ރިހާން މަޑުކޮށްލިއެވެ. އަދި ސިކުންތުކޮޅަކަށްފަހު  އެ ހުރިގޮތަށްހުރެ އިށީންނާށޭ މަންމަ އިރުކޮޅަކުން އަންނާނެއޭ ބުނެފައި ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

މުސްކާންގެ އަނގައަށް ވައްތަރެއް ޖައްސައިލެވުނެވެ.

”ހާދަ ފޮނި ފިރިހެނެކޭ! މަށަށްހެޔޮ ދުވަހަކު އަނގައިން ނުބުންޏަސް!“ މުސްކާންއަށް ހިތާ ހިތާ ބުނެލެވުނެވެ.

ތެދެކެވެ. މުސްކާން އެތާ އިންނަތާ މާގިނައިރުތަކެއް ނުވަނީސް އައިންތު ކޮޓަރިން ނިކުމެގެން އަންނަތަން ފެނިއްޖެއެވެ. މުސްކާންއަށް އިންތަނުން ފުންމައިގެން ތެދުވެވުނެވެ. އަދި ދައްތާއޭ ކިޔާފައި ދުވެ ގޮސް އައިންތުގެ ގައިގާ އޮޅުލާއިގަނެވުނެވެ.

މުސްކާން ފެނުމުން އައިންތުގެ މޫނުމަތި ވެސް އުޖާލާވެ ހިނިތުންވެވުނެވެ. އެހެންނަމަވެސް މުސްކާން އައިންތުގެ ގައިގާ ހިފެހެއްޓިގޮތަށް ދޫކޮށްނުލާ ހުރުމުން އައިންތުއަށް އެހެންގޮތަކަށް ހީވެއްޖެއެވެ. އެހީ ޔަގީނަށް ބަދަލުވީ މުސްކާން ގިސްލަނީކަން އެނގުމުންނެވެ.

”އަހަނ! މުސްކާން“ އައިންތު އުޅުނީ މުސްކާން ގަޔާ ދުރުކޮށްލާށެވެ.

”ދައްތާ، އަހަންނަށް ….. އެހީވެދީ!“ ގިސްލަމުން މުސްކާން ވާހަކަ ދެއްކިއިރު މިހާއިރުވަންދެން އޭނަ ކޮށްގެން ހުރި ހުރިހާ ހިތްވަރެއް އެލުނީއެވެ.

”ފުރަތަމަ ވީ ގޮތެއް ބުނެބަލަ؟ ކޮންއިރަކު މާލެ އައީ؟“ އައިންތުގެ ހިތުގައިވެސް ޖަވާބު ބޭނުން އެތައް ސުވާލެއް އުފެދިފައި ވެއެވެ.

”މިދިޔަ މެއި މަހު!“ މުސްކާންގެ ޖަވާބު އަޑު އިވުމުން އައިންތުގެ ދެލޯ ބޮޑުވެ ހައިރާންވިވަރު އެ މޫނުން ފެންނަންހުއްޓެވެ.

”މެއިމަހޭ… އެހެންވިއްޔާ .. މިހާރު މިއީ މުސްކާން މާލޭގަ އުޅޭތާ ހަވަނަ މަހެއްނު!“ އައިންތުގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ މުސްކާންގެ މޫނަށެވެ. މުސްކާން ދެ ފަހަރަކު ވެސް ބޯ ޖަހައިލިއެވެ.

”އެކަމު…. އެކަމު ދައްތަ ގުޅި އެއްވެސް ފަހަރަކު މުސްކާން ނުބުނަމެންނު މާލޭގަ ހުރި ވާހަކައެއް!“ އައިންތުގެ އަޑުގައިވަނީ ޝަކުވާގެ ރާގެވެ.

މުސްކާން ވަކި ޖަވާބެއް ނުދެއެވެ. އެކަމުގައި ވެސް މިކަމުގައި ވެސް މުސްކާންގެ ހިތް ނިޔަތް ސާފެވެ. އެކަން އެނގޭނީ ހަމަ އެކަނި މުސްކާން އަށެވެ.

”އަހަރެން އައީ ނަޒީރާއްތަމެންގެއަށް….. އެކަމަކު އެގޭގަ… އެ ގޭގަ އަހަންނަށް ރައްކާތެރިކަމެއް ނެތީމަ … ރައްޓެހި ކުއްޖެއްގެ ރޫމަަށް ބަދަލުވީ….“ މުސްކާން ވާހަކަ ދެއްކުން ހުއްޓައިލިއެވެ. އަދި ދެލޯ ފޮހެމުން އިސްދަށަށް ޖަހައިލިއެވެ.

”އޯކޭ މައްސަލައެއް ނެތް. ދެން ބުނެބަލަ، މިހާ ދުވަސްކޮށްފަ މިގެއަށް އަހަރެން ކައިރިއަށް ތި އައީ…..ކޮންކަމެއް ދައްތަ ކޮށްދޭންވީ!“ އައިންތު ވާހަކަދައްކަން ބޭނުންވީ ވިސްނުންތެރިކަމާއެކުގައެވެ. މަޑުކޮށްލީ މުސްކާންގެ ޖަވާބަކަށެވެ.

”މަންމައަށް އެނގުނީ އަހަރެން ނަޒީރާއްތަމެންގެއިން ދިޔަކަން. މަންމަ ހުރީ ވަރަށްހިތްހަމަ ނުޖެހި… ބުނީ ރަށަށް އަންނާށޯ!“ މުސްކާންގެ ދެލޮލުން އަނެއްކާވެސް ކަރުނަ ނީރައިލިއެވެ.

”މަންމައަށް އެނގޭތަ މުސްކާން އެގެއިން ދިޔަ ސަބަަބު!“ އައިންތު ދިޔައީ ސުވާލަކަށްފަހު ސުވާލެއް ކުރަމުންނެވެ.
”ނޫން ނުބުނަން! ކިހިނެއް އެކަހަލަ ވާހަކަ ބުނަންކެރޭނީ!….. ކިހާ ބޮޑު މައްސަލައަކަށްވާނެ! އަހަރެން ބޭނުމީ އަހަރެންގެ ސަލާމަތާއެކު އަވަހަށް އެކަމުން މިންޖުވާނެ ގޮތެއް! އަނެއްކޮޅުން ނަޒީރާއްތަ އެކަމުގަ ކުރާނެ މާބޮޑުކަމެއް ވެސް ނޯންނާނެ!“ އިތުރަށް ހައިރާންވެފައިވާ އައިންތުގެ މޫނުން ނަޒަރު ވަކިކޮށްލަމުން މުސްކާން އިސްދަށަށް ޖަހައިލިއެވެ. އަދި މުސްކާންއަށް ދިމާވި ކަންތަކާ ސައްތާރުގެ ނުލަފާކަން އައިންތުއަށް ކިޔައިދިނެވެ.

އައިންތު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކޮންމެ ގޮތެއް ވިޔަސް މުސްކާންއަކީ ހިތްވަރުގަދަ ކުއްޖެކެވެ. އެކަނި މާއެކަނި ނަމަވެސް އެކަމާ ކޮންމެވެސް އެއް ގޮތަކަށް ކުރިމަތި ލައިފިއެވެ. އަދި އެހެންމީހެއްގެ އިރުޝާދެއް އެހީއެއް ނެތި އެކަމުން ސަލާމަތްވާން މަސައްކަތް ވެސް ކޮށްފިއެވެ. އައިންތުގެ ހިތުގައި މުސްކާންއަށްޓަކައި ތަޢުރީފް އުފެދިގެން އައެވެ. އަދި އެ ނިކަމެތި ކުއްޖާއަށްޓަކައި އެ ހިތް ރަހުމުން ފުރުނެވެ. އެހެންކަމުން ބޭއިޚުތިޔާރުގައި މަޑުމަޑުން މުސްކާންގައިގާ އައިންތު ބައްދައިލިއެވެ.

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ކުރު ވާހަކަ: ހިމޭން ލޯބި

ކުރު ވާހަކަ: ހިމޭން ލޯބި

މާރޗް 29, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ސައުވީސް ވަނަ ބައި

މާރޗް 28, 2023
ކުރު ވާހަކަ: ހަޔާތުގެ ގަނޑުވަރު

ކުރު ވާހަކަ: ހަޔާތުގެ ގަނޑުވަރު

މާރޗް 27, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭވީސް ވަނަ ބައި

މާރޗް 23, 2023

ކިޔުންތެރިންގެ ޚިޔާލު 3

  1. Fannu says:
    4 months ago

    Reethi eba vey. 💕

    Reply
  2. Kamana says:
    4 months ago

    Alhey haadha kurukon miothy

    Reply
  3. Fath says:
    4 months ago

    Varah Reethi Ekamaku maakuree mibai

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In