ކޯސްޓްލައިން ކުންފުނީގެ އޮފީސް ފަޅައިލައިގެން ވަދެ ތިޖޫރީ ފަޅައިލަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ.
ވައްކަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރީ ސ.ފޭދޫ ފެހިވިދުވަރުގޭ ޢުމުރުން 40 އަހަރުގެ މުޙައްމަދު އިލްހާމެވެ.
އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިިވަނީ ހާދިސާ ރިޕޯޓަށް ބަލާއިރު ފުލުހުން އޭނާ ހުއްޓުވަނީ ކޯސްޓްލައިން ކުންފުނީގެ އޮފީސް ތެރެއިން ކަމަށާއި އޭނާ އެ ތަނަށް ވަދެ ތިޖޫރީގައި ތަޅާ އަޑުއިވިގެން ފުލުހުންނަށް ރިޕޯޓުކުރީ އެ ތަނުގެ މުވައްޒަފެއް ކަމަށެވެ.
އެ ތަނުގެ ތެރެއިން ތިން މީހަކު ހުއްޓުވިފައިވާ ކަމަށާއި އެ ތަނުގެތެރެއިިން މި ބާވަތުގެ ވައްކަން ކުރުމަށް ބޭނުންވާ އާލަތްތައް ފެނިފައިިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ. އަދި އޭނާ ލައިިގެން ހުރި ޖިންސްގެ ފަހަތު ޖީބުން އެ އޮޮފީހުގެ މާސްޓާ ކާޑެއް ވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
މިހާތަނަށް 58 ފަހަރު ހައްޔަރުކޮށް 19 ފަހަރު ބަންދުކޮށްފައިވާ އިލްހާމް ބުނި ގޮތުން އޭނާ އެ އޮފީހަށް ވަނީ ނިދާލުމަށެވެ.
އޮފީސްތެރެއިން އިތުރު ތިން މީހަކު ހުއްޓުވި ނަމަވެސް އެ މީހުން ަހައްޔަރުކުރި ކަމެއް ސާފެއް ނޫނެވެ.