ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށްޓަވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ކުޅުދުއްފުށީގައި ސަރުކާރުން ތަރައްޤީކުރި 165 ރޯހައުސް ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑިޒައިން އެންޑް ބިލް އުސޫލުން ކުޅުދުއްފުށީގައި ތަރައްޤީކުރުމަށް މިސަރުކާރުން ޢިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވާ 400 ޔުނިޓުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޑިޒައިން ނިންމާ އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތަރައްޤީކުރާ މި 400 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.