ޖަލު ޙުކުމުގެ ބަދަލުގައި ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން އެ ފައިސާ ނުދައްކާ މީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސްޕްރީމް ކޯޓުން ނެރުނު ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ގެ 30 ވަނަ މާއްދާގެ (ހ) ގައި, ބަޔާންކޮށްފައިވާ ގޮތުން ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަވަން ޖެހޭނެއެވެ.
ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް އެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ކަނޑައެޅުއްވޭނެއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އަދި ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަަށެވެ.