އަވަށްޓެރި އިންޑިއާގެ މަނިޕަލް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީ ޔުނިވާސިޓީގެ ޓީޗަރެއް މުސްލިމު ދަރިވަރަކާއި ދިމާއަށް ޓެރެރިސްޓެކޭ ބުނުމުން މަގާމުން ވަކިކޮށްފިއެވެ.
އެގޮތުން އެ ޓީޗަރު ވަނީ އެ ދަރިވަރު ކައިރީ އިންޑިއާގެ މުމްބާއީގެ 11/26 ގެ ޓެރެރިސްޓު ހަމަލާއާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބުނެފައެވެ. އަދި އޭނާގެ ނަމާއި ޓެރެރިސްޓުންގެ ނަމާއި ގުޅޭ ކަމަށް ބުނެ އޭނާއަށް އެ މައުލޫމާތު އިނގޭނެ ކަމަށް ވެސް އެ ޓީޗަރު ވަނީ ބުނެފައެވެ.
މި ކަމާއި ގުޅިގެން އެ ދަރިވަރު ރޮވިފައި ހުރެ ޓީޗަރާއި ދިމާއަށް އެފަދަ ގޮތަށް ވާހަކަ ނުދެއްކުމަށާއި ޓެރެރިސްޓެކޭ މަޖަލަކަށް ވެސް ބުނުމަކީ އޭނާއަށް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ޓީޗަރާއި ދިމާއަށް ދަރިވަރު އެއްޗެހި ކިޔާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.
މި ވީޑިއޯ އާއި ގުޅިގެން މި ޓީޗަރު މަގާމުން ވަކި ކޮށްފައިވާކަމަށާއި ދަރިވަރުންއާއި އެކަހަލަ ގޮތަށް މުޢާމަލާތް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ ޔުނިވާސިޓީ އިން ވަނީ ބަޔާނެއް ވެސް ނެރިފައެވެ.