ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކާޖޮލްގެ ކުރިއަށް އޮތް ފިލްމު ސަލާމް ވެންކީ އަށް އޭނާ ފުރަތަމަ ބުނީ ނޫނެކޭ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ޝްރީކާންތު މުރްތީ ލިޔެފައިވާ ”ދަ ލާސްޓް ހުއްރާ“ ކިޔާ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކީ ފަސޭހަ ނުވާ ވަރުގެ ބައްޔެއް ޖެހިފައިވާ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަންމައަކު ކުރާ މަސައްކަތެވެ. ދަރިފުޅުގެ ބަލި ހާލު ބޮޑުވަމުންދިޔައިރު އެ މަންމައަށް ކުރަމުންދިޔަ އަސަރު ތަކެވެ. އަދި ދަރިފުޅަށް ފަރުވާއެއް ލިބޭތޯ މަންމައަކު ވީ ގުރުބާނީ އެވެ.
މި ފިލްމު ނުކުޅުމަށް ކާޖޮލް 3 ދުވަސް ވަންދެން ދެކޮޅު ހަދާފައިވާ ކަމަށާއި އެންމެ ފަހުން ފިލްމުގެ ޑައިރެކްޓަރު ރެވާތީ ވަރަށް ވާހަކަ ދައްކައިގެން ހަތަރުވަނަ ދުވަހު ކާޖޮލް މި ފިލްމު ކުޅެދޭން އެއްބަސްވީ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ސަބަބަކީ މި ފިލްމުގައި އޭނާ ކުޅެން ޖެހެނީ ފަސޭހަނުވާ ކަހަލަ ބައްޔެއް ޖެހިފައިވާ ކުޑަ ކުއްޖެއްގެ މަންމައެއްގެ ރޯލަށް ވާތީ އެވެ. މި ފިލްމު ޑިސެމްބަރ 9 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ.