ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރިނުކޮށް، ކުރަންއޮތް އެއްވެސް ކަމެއް ހަގީގަތުގައި ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދިޔަ ”އާސްކް ސްޕީކާ“ ޕްރޮގްރާމުގައި އާންމު ފަރާތަކުން ވަނީ ރައީސް ނަޝީދު އަދިވެސް މެންބަރު އަސްލަމަށް ތާއީދުކުރައްވަންތޯ ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަސްލަމަކީ ވަރަށް މަގުބޫލު ބޭފުޅެއް ކަމަށާއި، ރާއްޖޭގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ހަރުދަނާ އެއް ބޭފުޅާއަކީ އެއީ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރިނުކޮށް، އަޅުގަނޑު ކުރަންއޮތް އެއްވެސް ކަމެއް ހަގީގަތުގައި ނެތް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވުމަށް އަސްލަން ހުންނެވުމަށް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައިސް ނަޝީދު ވިދާޅުވީ އަސްލަމް އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަސްލަމަކީ މަޖިލީހުގައި ރައީސް ޞާލިޙްގެ ސަރުކާރު ދިފާއުކުރެއްވުމަށް އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއް މެމްބަރުކަން ފާހަގަކޮށްލެވެއެވެ.