ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ ފަނޑިޔާރުންނަށް ބިރުދެއްކުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މަހާޒާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމީ ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ދުވަހު މެންދުރު ފަރިއްކުޅުއްވި ޕާރުސަލެއްގެ މައްސަލައެވެ.
ޖޭއެސްސީން އެ މައްސަލަ ބަލަނީ ރައީސް ޔާމީންގެ މައްސަލައިގައި ވަކި ގޮތަކަށް ޙުކުމްކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ޤަޟިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށެވެ.
ޝަރީފް ވިދާޅުވީ މަހާޒު ޢަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރަނީ ފަނޑިޔާރުންނަށް ބިރުދެއްކުމަށް ކަމަށެވެ. އަދި އެއީ ނާތަހުޒީބީ ހަޑިމުޑުދާރު އަމަލެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި ތިއްބެވި ތައުލީމީ ފަނޑިޔާރުން ސަރުކާރުދެކެ ބިރުުގަންނާނެކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި ވެރިކަން މިދަނީ ނިމެންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.