ބޮމެއް ގޮއްވާލައިިގެން ގިނަ ބަޔަކު މަރާލަން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ދެއްކެވި ވާހަކަތަކަށް ނަޝީދު މިއަދު ރައްދު ދެއްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ”އާސްކް ސްޕީކާ“ ގެ ހަވަނަ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ޝަރީފް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
”އަޅުގަނޑަކަށް ނުވިސްނޭ ކޮންތާކުން ކިހިނެއް އުފަންކުރި ވާހަކައެއް ކަމެއް ވެސް.“ ޝަރީފްގެ ތުހުމަތުތައް ދޮގުކުރައްވަމުން ވިދާޅުވިއެވެ.
ޝަރީފް ތުހުމަތުކުރައްވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމުގެ ދައުރުގައި އޭރު އެމްޑީޕީން އިދިކޮޅު ހަރަކާތްތައް ހިންގިއިރު ނަޝީދު އިސްވެ ހުންނަވައި ބޮމެއް ގޮއްވާލައިގެން 50 މީހުން މަރާލައި އެކަމުގެ އިލްޒާމު މައުމޫނުގެ އިސްތަށިފުޅުގައި އެޅުވުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެއެވެ.
ޝަރީފްގެ ތުހުމަތާ ގުޅިގެން ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ. އެއީ ޝަރީފް އަބުރާ ބެހުމުގެ އަމަލެއް ހިންގަވާފައިވާ ކަމަށް ކަނޑައަޅައިި ބަދަލެއްގެ ގޮތުން 10 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ހުށަހެޅުއްވި މައްސަލައެކެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނާ ބެހޭ ގޮތުން ބައެއް މީހުން ދޮގު ވާހަކަތައް ފެތުރި ނަމަވެސް މީގެކުރިން އެފަދަ ކަންކަމާ އަޅައިނުލައްވާ ކަމަށާއި ގިނަ ބަޔަކު މަރައިލަން އުޅުއްވި ކަމަށް ވިދާޅުވެ ޝަރީފް އެފަދަ ބޮޑު ތުހުމަތެއް ކުރެއްވުމުން ކޯޓަށް ވަޑައިގަންނަވަން ނިންމެވީ ކަމަށެވެ.