ރައްޔިތުން މަޖިލީހުގެ ”އާސްކް ސްޕީކާ“ ގެ ހަވަނަ ޕްރޮގްރާމުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުން ޤައުމާމެދު އޮތް އުންމީދު އާވެއްޖެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަަސަން ލަޠީފް މިރޭ ވިދާޅުވެއްޖެއެވެ.
ޙަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރޮގްރާމްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުން ޤައުމާމެދު އޮތް އުންމީދު އާވެއްޖެ ކަމަށެވެ. އަދި ”ރައީސްގެ އެ ވާހަކަފުޅާއެކު ރިޔާސީ ޕްރައިމަރީއެއްގެ ބަހުސް ވަރަށް ބަލާލާ ހިތްވާ“ ކަމަށް ވެސް ޙަސަން ވިދާޅުވިއެވެ.
ޕްރޮގްރާމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ މައިގަނޑު ނުކުތާތަކަށް ބަލާލާއިރު ޕްރައިމަރީގައި ވާދަކުރައްވާނެތޯ ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ދެެއްވައިފައެއް ނުވެއެވެ. ނަމަވެސް ކޮންމެ ކަމަކާ ވެސް ކުރިމަތިލައްވަނީ އެކަމެއް ކާމިޔާބު ކުރެއްވޭނެ ކަމުގެ އުންމީދުގައި ކަމަށާއި މިހާތަނަށް ވާދަކުރެއްވި އެއްވެސް އިންތިޚާބަކުން އަދި ނާކާމިޔާބުވެވަޑައިގެންފައެއް ނެތް ކަމަށް ވިދާޅުވިއެވެ.
އިންތިޚާބުތަކުން ނާކާމިޔާބުވެވަޑައިިގަންނަވާފަދަ ގޮތަކަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ އެމްޑީޕީން 2018 ވަނަ އަހަރުު ރައްޔިތުންނަށް ވީ އެންމެ ބޮޑުު ވަޢުދު ކަމަށާއި އެކަން ނުކޮށް ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ތަނުގައި ރައީސް ޞާލިޙް ވެސް އުޅުުއްވީ ބާރުތައް ޖަމާކުރައްވަން ކަމަށާއި ވަޢުދުތައް ނުފުއްދެވޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.