މޯލްޑިވްސް ނެޝަނަލް ޕާޓީން ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދާނީ ޑިމޮކްރެޓިކް ހަމަތަކާއި ދެފުށް ފެންނަ އުސޫލުންކަމަށް އެ ޕާޓީގެ ތަރުޖަމާނު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިިލީ މިއަދުއެވެ.
ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
ޝިދާތާ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ ތާރީީޚުގައި ވެސް ވަރަށް މުހިންމު ހަަރަކާތަކަށްވެގެންދާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް ވަރަށް މުހިންމު ހަަރަކާތަކަށް މިކަން ވެގެންދާނެ ކަމަށެވެ.
އަދި ހުޅުވައިިލި ފުރުސަތުގައި ގާބިލު ބޭފުޅުން ވާދަކުރެއްވުމަކީ ޕާޓީގެ ވަރަށް ބޮޑު އުންމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދާނީ ޑިމޮކްރެޓިކް ހަމަތަކާއި ދެފުށް ފެންނަ އުސޫލުން ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
“މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ) ގެ ފަރާތުން އަޅުގަނޑުމެން ދޭނެ ޔަގީންކަމަކީ ޑިމޮކްރެޓިކް ހަމަތަކާއި ދެފުށް ފެންނަ އުސޫލުން މި ރިޔާސީ ޕްރައިމަރީގެ ކަންކަން އަޅުގަނޑުމެން ހުރިހާ މަރުހަލާއެއްގައި ވެސް ކުރިއަށް ގެންދާނެކަން.“ ސިޔާސީ އެންމެ ހަގު ޕާޓީގެ ތަރުޖަމާނު ވިދާޅުވިއެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައިވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ.
އެމްއެންޕީއަކީ މިދިޔަ އަހަރު ފަހުކޮޅު ވުޖޫދުވި ޕާޓީއެކެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަގު ޕާޓީއެއް ނަމަވެސް އަހަރެއްވީއިިރު ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފިއެވެ.