އަންނަ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ސިޔާސީ އެންމެ ހަގު ޕާޓީކަމަށްވާ އެމްއެންޕީން ބުނީ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމާއި ފޯމުގައި ބަޔާން ކޮށްފައިވާ ލިޔެކިޔުންތައް މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ޕާޓީގެ އޮފީސް މއ.ކެލާވީ ފަސްޓް ފްލޯއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
މިހާތަނަށް އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އެ ޕާޓީގެ އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. އޭނާ އެކަން ހާމަކުރެއްވީ ޕާޓީ އުފައްދަވައި ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އޭގެފަހުން ނާޒިމް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމަކީ ހަމައެކަނި ވަކި ބަޔަކަށް އޮތްކަމެއް ނޫން ކަމަށާއު މިހާތަނަށް އޭނާއަށް ޤައުމަށް ކުރެއްވިފައި ހުރި ޚިދުމަތަށް ބަލާއިރު “ދެން އަޅުގަނޑު ހަވާލުވާން އޮތް މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު“ ަކަމަށެވެ.