ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެެއެވެ.
ރައްޔިތުން މަޖިލީހުގެ ”އާސްކް ސްޕީކާ“ ގެ ހަވަނަ ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވައިލި ރިޔާސީ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށެވެ.
އެ ވަޢުދަކީ އެމްޑީޕީގެ މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައި އޮޮތް އެންމެ ބޮޑު އެއް ވަޢުދުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓު ނުނަގައެއް ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.
”މި ވަޢުދު ފުއްދުމަށްފަހު ނޫނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ޕްރައިމަރީއަކާ ދިމާއަށް މިސްރާބުޖެހުމަކީ ރަނގަޅުކަމެއް ނޫން“ ނަޝީދު ވިދާޅުވިއެވެ.
މިއީ މާލީ ގޮތުން ދަތި ވަގުތަކަށް ވާތީ އިގުތިސާދީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުކުރަންޖެހޭ ކަމަށާއި ރިޔާސީ އިންތިޚާބަކަށް ނުކުތުމުގެ ކުރިން އެ ނުކުތާތަކަށް އެންމެން ވިސްނައިލަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ނަޝީދު އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ޤަރާރެއް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެކަމަށް ރައީސް ޞާލިޙް ދެކޮޅު ހައްދަވައި ޤަރާރު އަނބުރާ ގެންދަވަން ގޮވައިލެއްވުމުން އެންމެފަހުން ޤަރާރު އަނބުރާ ގެންދެވީއެވެ.
ރައީސް ނަޝީދު އޭރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުވެއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން %42 މެންބަރުން ސަރުކާރަކަށް ވޯޓެއް ވެސް ނުދޭނެއެވެ.