އެ މަނިކުފާނު ވާދަކުރެއްވި އެއްވެސް އިންތިޚާބަކުން އަދި ނާކާމިޔާބުވެވަޑައިގެންފައެއް ނެތް ކަމަށާއި އިންތިޚާބުތަކުން ނާކާމިޔާބުވެވަޑައިިގަންނަވާފަދަ ގޮތަކަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ”އާސްކް ސްޕީކާ“ ގެ ހަވަނަ ޕްރޮގްރާމުގައި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރެއްވުމެދު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެ ސުވާލުތަކަށް އެ މަނިކުފާނު ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ ކޮންމެ ކަމަކާ ވެސް ކުރިމަތިލައްވަނީ އެކަމެއް ކާމިޔާބު ކުރެއްވޭނެ ކަމުގެ އުންމީދުގައި ކަމަށާއި މިހާތަނަށް ވާދަކުރެއްވި އެއްވެސް އިންތިޚާބަކުން އަދި ނާކާމިޔާބުވެވަޑައިގެންފައެއް ނެތް ކަމަށެވެ. އަދި އިންތިޚާބުތަކުން ނާކާމިޔާބުވެ ވަޑައިިގަންނަވާފަދަ ގޮތަކަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ”އަޅުގަނޑު ދެކެނީ އިންތިޚާބަށް ކޮންމެ ބޭފުޅަކު ވެސް ކުރިމަތިލައްވާނީ އެ ބޭފުޅަކަށް ކާމިޔާބުވާނެ ކަމުގެ އުންމީދެއްގައި“ ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ ސާފު ޖަވާބެއް ނުދެއްވި ނަމަވެސް ވާދަނުކުރައްވާނެ ކަމަކަށް ނަޝީދު ވިދާޅެއް ނުވެއެވެ.