ވެރިކަން ލިބިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަޢުދެއް ނުފުއްދަވާ ކަމަށާއި އުޅުއްވީ ބާރުތައް ޖަމާކުރައްވަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެެއެވެ.
މަޖިލީހުގެ ”އާސްކް ސްޕީކާ“ ހަވަނަ ޕްރޮގްރާމުގައި 2018 ގައި ރައީސް ޞާލިޙަށް ތަބަކަށްލާފައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެއްވުމުން އެކަމާ މިހާރު ދެރަފުޅުވޭތޯ ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އަބަދުވެސް ބޭނުންވަމުން އައީ ޑިމޮކްރެޓިކް އުސޫލުތައް ރާއްޖޭގައި ދެމެހެއްޓުމަށް ކަމަށެވެ. ނަމަވެސް މިއަދު ކަން ހިނގަނީ އުންމީދު ކުރެއްވި ގޮތަށް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު 2019 އާ ހަމައަށް ރައީސް ޞާލިޙް އެ މަނިކުފާނާ ވަރަށް ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް ފަހުން ގުޅުން ހީނަރުވެގެންދިިޔައީ ކަމަށާއި ރައީސް ޞާލިޙް މަސައްކަތް ކުރެއްވީ ބާރުތައް ޖަމާކުރެއްވުމަށްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވަކި އިރެއްގައިި ވަކި ގޮތަކަށް ކުރާނެ ކަމަށް ބުނެ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައިރައްޔިތުންނަށް ޚާއްސަ ވަޢުދުތަކެއްވެފައިވާ ކަމަށާއި ކުޑަރަށެއް ބޮޑު ރަށެއް ބަލައިނުލައި ކަންކަން ކުރަމުން ދިއުމަކީ ވަޢުދު ފުއްދެވުމެއްނޫން ކަމަށެވެ.
”އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މި ފަސް އަހަރު ކަންތައް ކުރައްވާފަ އޮތް ގޮތް މިނާލަން އަޅުގަނޑުމެން އެބަޖެހޭ. ދެން އެ މިނުން މިނާނީ އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ މެންބަރުން ޚާއްސަ ގޮތެއްގައި. އަޅުގަނޑަށް އިވޭ ތަނުގައެއް ނުފެނޭ ވަޢުދުތައް ފުދިފަވާ ކަމަކަށް. ވަޢުދުތަކަކީ އެއެއް މިއެއް ބަލައި ނުލައި ކުޑަރަށެއް ބޮޑު ރަށެއް ބަލައިނުލައި ކަންކަން ކުރަމުން ދިއުމެއް ނޫން.“ ނަޝީދު ވިދާޅުވިއެވެ.
”އެކަންކަން ފުރިހަމަވީމަ ނޫނިއްޔާ އަޅުގަނޑަކަށެއް ނުފެނޭ ޕްރައިމަރީގައި ކާކުތޯ ވާދަކުރާނީއާއި އެ ސުވާލުތައް އަޅުގަނޑުމެން ކުރިމަތިކުރާކަށް.“ ނަޝީދު އިތުރަށް ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަންތޯ ކުރި ސުވާލަށް ނަޝީދު ސާފު ޖަވާބެއް ނުދެއްވައެވެ. ނަމަވެސް އެ މަނިކުފާނު މީގެކުރިން ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.