ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ކުރި ޙުކުމް ބާތިލުކުރި ދުވަހު ސްޕްރީމް ކޯޓުގައި ފަރިއްކޮޅެއް ބޭއްވެވީ އަމިއްލަ ޚަރަދުގައިކަމަށް އެ ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު މަހާޒަކީ ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ބާތިލުކުރި ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ.
އެ ދުވަހު ޔާމީނާ ގުޅުން އޮތް ފަރާތަކުން އެ ކޯޓަށް ފޮނުވި މެންދުރު ކެއުމަކާ ފަނޑިޔާރު މަހާޒް ހަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރަން ޖޭއެސްސީން އިއްޔެ ވަނީ ނިންމާފައެވެ.
މަހާޒް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެންދާތީ ކޮންމެ ދުވަހަކު ވެސް މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާއެކު މެންދުރުގެ ފަރިއްކޮޅެއް އަމިއްލަ ޚަރަދުގައި ގެންނަވާ ކަމަށެވެ.
އެ ގޮތަށް ދައުރުވަމުން ގޮސް ޔާމީންގެ ޙުކުމް ބާތިލުކުރި ދުވަހު ތަނަކަށް އޯޑަރުކުރައްވައިގެން އެއްޗެއް ގެންނެވީ އޭނާ ކަމަށާއި ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުންނާ އެންމެފަހުން އެއްތަނަކުން ދިމާވާނެ ފަހު މަަސައްކަތު ދުވަސް ކަމުގައިވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ޚަރަދުގައި މެންދުރު ފަރިއްކޮޅު ދެއްވީ ކަމަށެވެ.
”ކެއިއިރު ކާތަކެތި ގެނައީ ކޮންތަނަކުންކަން ވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި. މީރު ވާހަކަ ވެސް ބުނި. ކެއުމުގެ އިންތިޒާމު ހިމެނޭހެން މާދަމާ ޝަރީޢަތް އޮންނަނަމަ މިރޭ މާދަމާގެ ހުރިހާކަމެއް އޮންނާނީ ދުރާލައި ނިމިފައި. މިއީ ސިއްރަކުން ކުރި ކަމެއް ނޫން.“
”ކާއެއްޗެހި ގެނައީ އަމިއްލަ ޚަރަދު ކޮށްފައި. ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްވެސް އެއްޗެއް ނޫން. އަދި ވަކި ޚާއްސަ އެއްޗެއް ވެސް ގެނައީ އެއްވެސް ނޫން.“ މަހާޒް އިތުރަށް ވިދާޅުވިއެވެ.
މަހާޒް ވިދާޅުވީ އޭނާ އަމިއްލައަށް އޯޑަރު ދެއްވުމުން އޯޑަރު ދިން ތަނުން ގުޅާނީ އޭނާއަށްކަމަށް ވާތީވެ އިދާރީ ކުއްޖަކަށް ކާ އެއްޗެހި ގެނެސްދޭނެ ފަރާތުގެ ނަންބަރު ދެއްވި ކަމަށާއި މިއީ ކަން ހިނގައި ދިޔަ ގޮތް ކަމަށެވެ.
މަހާޒް ވަނީ މައްސަލައިގެ އަޑުއެހުންތައް ޢާންމުކޮށް ހުޅުވާލައިގެން ގެންދިއުމަށް ވެސް އެދިވަޑައިގެންފައެވެ.
ހިތަށްް އެރީ ދެވަނަ ޝަރީޢަތުގެ ފުރަތަމަ މަރުޙަލާގެ ހުކުމް އިއްވާ ދުވަސް ފިޔަވައި ފަހު ދުވަހު މިކަން ހިނގީ ކީއްވެހޭ.